ޚަބަރު ސަރުކާރު

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ތަރައްގީކޮށްދޭން ހަތަރު ކުންފުންޏަކުން ކުރިމަތިލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން / ފޮޓޯ:ރައީސް އޮފީސް

"ހޯޕް އައިލެންޑް" އާއި ސެންޓްރަލް ޖަލު ތަރައްގީކޮށްދޭން ހަތަރު ކުންފުންޏަކުން ކުރިމަތިލައިފި އެެވެ.

Ads by STELCO

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް އުތުރު ތިލަފަޅުގައި އަޅަން ނިންމާފައިވާ ހޯޕް އައިލެންޑާއި އަދި ސެންޓްރަލް ޖަލު އަޅައިދޭނެ ބަޔަކު ހޯދަން ހޯމްލޭންޑް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަމަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވީ އެ ހަތަރު ފަރާތަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނޭ އެމެރިކާގެ ކުންފުންޏެއް, ޗައިނާގެ ކުންފުންޏެއް, ދިވެހި ކުންފުންޏެއް، މެލޭޝިއާގެ ކުންފުންޏަކާ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުން އެންމެ ރަނގަޅު ކުންފުނި ކަނޑައަޅައި، އަންނަ ޖުލައި މަސް ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސެންޓްރަލް ޖަލު ގާއިމުކުރުމުން ޖަލުތަކަށް މިހާރު ކުރާ ހަރަދުގެ 40 އިންސައްތަ ހަރަދު ކުޑަކުރެވޭނެކަން އިހްސާން ފާހަގަކުރެއްވި އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން ހޯޕް އައިލެންޑުގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.

އެ ތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތަށް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެ ކުދިން ބޭނުންވާ ދާއިރާއަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އިހްސާން މީގެކުރިން ވިދާޅުވެފައިވެ އެވެ.

Ads by Ooredoo