އެމްޑީޕީ އާ ނަޝީދު އަލުން ގުޅިވަޑައިގަންނަވާ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އަލުން ގުޅިވަޑައިގަންނަވާ ޖަލްސާ ބާއްވަން ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކޮށްފައިވަނިކޮށް، އެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ދޭން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދު އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީ އާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އެ ހަފުލާތައް ބޭއްވުމަށް އަދި އެއްވެސް ތަނެއް ހަމަޖެހިފައިނުވާކަން ފާހަގަކުރައްވައި، އަންނަ ހޯމަ ދުވަހުގެ ކުރިން އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، ނަޝީދަށް މަރުހަބާ ކިޔުމުގެ ހަފުލާ ބާއްވާނީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ކަންމަތީގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ވަނީ އެހާތަނަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސައިނުދީފި ނަމަ، ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރަށް އެ ސަރަހައްދަށް ދިއުމަށް ދައުވަތު ދެއްވާފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނެއް ކަަމަށެވެ. އެފަހުން އެ ތަން އެ މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައި ނުވާނެ ކަމަށާ އަދި ކުއްޔަށް ދިނުމަށް އުސޫލެއް ވެސް ކަޑައަޅާފައި ނުވާ ކަމަށެވެ.
"ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެ ތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފަ އެވެ." މުއްތޮލިބް ވިދާޅުވި އެވެ.
ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ދެއްކެވީ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކެވެ.
މާލޭގައި މީގެކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުން ބޭއްވޭ ގޮތަށް އޮންނަނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެންނަމަވެސް ހޯމްލޭންޑް މިނިސްޓްރީން މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު ވަނީ ރަސްފަންނު، މާލެ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ޒޯން އަދި އުސްފަސްގަނޑު ސަރަހައްދަށް ވެސް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.
އެ ތަންތަން ފާހަގަކުރައްވައި ހީނާ ވިދާޅުވެފައިވާ ގޮތުގައި ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށް ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށް ޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގަ އެވެ.
"އެހެންކަމުން މި ގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ،" "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ހީނާ ވިދާޅުވި އެވެ.
