އިޒްރޭލު-އީރާނު ހަނގުރާމައިން ކުރިމަތިވެދާނެ ކަންކަމަށް އަޅާ ފިޔަވަޅުތައް ހާމަކުރަން ގަރާރެއް

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަން ޖެހޭ ފިޔަވަޅުތައް މެދު ރައްޔިތުންގެ މަޖިލިހުން ދެކޭ ގޮތް ހާމަކުރަން ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލު އަހްމަދު ނަސީމެވެ.
މީކާއީލު ހުށަހެޅުއްވި ގަރާރުގައި ބުނީ މި މަހުގެ 13 ވަނަ ދުވަހު ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާތައް ދޭން ފެށިއިރު، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެއަކީ ތެލާއި ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ޒަރޫރީ ހުރިހާ ތަކެއްޗެއް އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމަކަށް ވުމާ އެކު، ގައުމުގެ އިގުތިސޯދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމް ކަމަށް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ. އެކަން ފާހަގަކޮށް ގަރާރުގައި ބުނީ ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލައިދޭ ގަތަރު އެއާވޭޒް އާއި އެމިރޭޓްސް އެއާލައިނަކީ މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ އެއާލައިންތަަކަށްވާއިރު އަދި އެ ދެ އެއާލައިނަކީ ދޯހާ އާއި ދުބާއީ ފަދަ މަންޒިލުތަކުން ޓްރާންސިޓް މަގުން ދުނިޔޭގެ ސިޓީތަކަށް ދަތުރުކުރާ އެއާލައިންތަކަށް ވުމުން ހަނގުރާމަ ދިގުލައިގެންދާ ނަމަ ރާއްޖެއަށް ކުރާ ދަތުރުތައް މަޑުޖެހި، ޓޫރިސްޓުން އައުން މަދުވެދާނެ ބެލެވޭ ކަމަށް ގަރާރުގައިވެ އެވެ.
މީކާއީލުގެ ގަރާރުގައި ބުނި ގޮތުގައި އެގޮތަށް ކަންކަން ހިނގައިފި ނަމަ، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރު ފައިސާ ލިބުން ދަށްވެ ދަތި ހާލަތެއް ރާއްޖެއަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ.
އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރު ކުރުމާ އެކު، އެފަދަ ތަކެތި ހުސްނުވެ އާންމުންނަށް ލިބެން ހުންނާނެ ގޮތް ކަށަވަރު ކުރުމަށް ފިޔަވަޅުތައް އެޅުމަކީ ލާޒިމު ކަމެއްކަން ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގަރާރު ހުށަހެޅުއްވީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި އޮތް ހާލަތުގައި އަންނަން ހުރި ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަން ޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި މަޖިލިހުން ދެކޭ ގޮތް ހާމަކުރުމަށް ކަމަށް މީކާއީލު ވަނީ ވިދާޅުވެފަ އެވެ.
