މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.
މުއައްސަސާތަކާއި ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީ ގޮތެއްގައި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން މަސްވެރިންގެ ގައުމީ ދަފުތަރު އިފުތިތާހު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭ ގޮތް ކަނޑައަޅައި ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދީފައިވާ ކަމަށެވެ. އަދި އަށް އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިން މަރުހަލާގައި ކަމަށެވެ. ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން ޖުމްލަ 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވާކަން ފާހަގަކުރި އެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ އެވެ. މި އާ އިންތިޒާމުގެ ދަށުން ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުން ނުވެ 300,000 ރުފިޔާ އާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ.
އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓް ބިލްޑިން ދާއިރާއަށް ހާއްސަކޮށްގެން ލޯނު ފެސިލިޓީއެއް ތައާރަފު ކުރުމަށް ޓަކައި ބޭނުންވާ އެއްބަސްވުން ޑްރާފްޓް ކުރެވި، ބޭންކާ އެކު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން އިއުލާނު ކުރައްވާފަ އެވެ.
