ޚަބަރު ސަރުކާރު

ކޮންމެ ފަގީރަކަށް ޒަކާތުގެ ގޮތުގައި 5،000 ރުފިޔާ ބަހައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 5،000 ރުފިޔާ ވަނީ ދީފައި / ފޮޓޯ:ޒަކާތު ހައުސް

މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 5،000 ރުފިޔާ ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މި އަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާ ކަމަށެވެ. ޒަކާތް ބަހާފައި ވަނީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.

ފަގީރުންގެ ދަފުތަރުގައި މިހާތަނަށް 2،852 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއިން ކޮންމެ މީހަކަށް 5،000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާކަން ފާހަގަކުރެއްވި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު މީހަކަށް 5،000 ރުފިޔާ ބެހިއިރު، މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4،000 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ބޭސްފަރުވާއަށް، މި ފެށުނު ހިޖުރީ އާ އަހަރާ އެކު އިންޝުރެންސް ތައާރަފުކުރަން ނިންމާފައިވާ ކަމުގަ އެވެ.

އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމުގަ އެވެ. އެ ފަރާތްތަކަށް އިންޝުރެންސް ތައާރަފުކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރާއްޖެއިން ބޭރުން ކުރަން ޖެހޭ ފަރުވާ އާ އަދި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ކަމުގަ އެވެ.

މި ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާ އަދި އެނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެ އެވެ.