ޚަބަރު ސަރުކާރު

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު އަލުން ހޯދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބާރަށް މަތިން ފެންނަ ފޮޓޯއެއް: ރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާނު ކޮށްފައި / ފޮޓޯ:ހަސަން ސާޖިން

ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

Ads by MPL

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ދޫކުރަން ނިންމާފައި ވަނީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން ކަނޑައަޅާފައިވާ 71،832 އަކަފޫޓުގެ ބިމެއްގަ އެވެ. ހޮޓާ ތަރައްގީ ކުރަން ޖެހެނީ މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށެވެ.

އެ ރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ އިއުލާނުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން އޭރު އެދިފައިވެ އެވެ.

އެ ފުރުސަތު އަލުން ހުޅުވާލަން ނިންމައި އިއްޔެ ކުރި އިއުލާނުގައި ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރާނީ 50 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މަސައްކަތް ކުރުމަށް ބިން ހަވާލުކުރާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު (385،500 ރުފިޔާ) ބަހައްޓަން ޖެހޭއިރު، ލީޒް އިކުއިޒިޝަން ކޯސްޓަކީ 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ހޮޓާ އެޅުމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު އޮންނާނެކަން ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން އެދިފަ އެވެ. ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ [email protected] އަށް މައުލޫމާތު މެއިލް ކުރަން ޖެހެ އެވެ.

ބީލަން ހުށަހަޅަން ޖެހެނީ އެ މިނިސްޓްރީއަށް ހާޒިރުވެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

ބާރަށު މާކޮޅު ސަރަހައްދުގެ ގުދުރަތީ ރީތިކަމާ ގުޅޭ ގޮތަށް އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިގެން އެ ރަށުގައި ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވަސްވަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެމަނިކުފާނު ވަނީ އެ ވައުދުފުޅު ތަކުރާރު ކުރައްވާފަ އެވެ.

ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވާލީ އެ ކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!