ޚަބަރު ދީން

އާޝޫރާ ދުވަހުގެ ހާދިސާއިން އެނގެނީ އީމާންކަން ހަރުދަނާކުރަން މަސައްކަތްކުރުމުގެ މުހިންމުކަން: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އާޝޫރާ ދުވަސް ފަދަ ދުވަސްތަކުގައި ހިނގާފައިވާ ހާދިސާތަކުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މާތް ﷲ، އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީހުން ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރަން މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by STELCO

އާޝޫރާ ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އެ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު މާތް ﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ. އެ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެެއް ކަމަށެވެ.

މިފަދަ ދުވަސްތަކުގައި ހިނގާފައިވާ ހާދިސާތަކުގައި ގިނަގުނަ އިބުރަތްތަކާއި ދަރުސްތައްވާ ކަމަށް ހުތުބާގައި ބުންޏެވެ. އެންމެ މުހިންމު ފިލާވަޅަކީ ﷲ، އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީހުން ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރަން މަސައްކަތްކުރުމުގެ ފިލާވަޅު ކަމުގައި ފާހަގަކުރި އެވެ.

ހުކުުރު ހުތުބާގައި ބުނި ގޮތުގައި މިފަދަ ހާދިސާތަކުން އެނގެނީ މުސީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމުގަ އެވެ. އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމުގަ އެވެ. މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޟުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތް ކަމުގަ އެވެ.

މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހު ހިނގި ފިރުއައުނު ޣަރަޤުކުރެއްވި ހާދިސާއިން އެނގެނީ ﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަން ކަމުގަ އެވެ. އެ މީހުންނަށް އެކަމުގައި ކާމިޔާބެއް ނުލިބޭނެކަމާ އަދި ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަން ކަމުގަ އެވެ. ހަމައެގޮތަށް މާތް ﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެކަން ކަމުގަ އެވެ.

އާޝޫރާ ދުވަހު ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، މާތް ﷲ ފުއްސަވައިދެއްވާނެ އަމަލެއް ކަމުގައި ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ."

މިއަދުގެ ހުތުބާގައި ބުނީ އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެ ދުވަހާއި އެރޭ "އާޝޫރާ ދުއާ" ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެ ރެ އާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރަން ދީނުގައި ޝަރުއުކުރައްވާފައި ނުވާ ކަމަށެވެ.

މުހައްރަމް މަހަކީ މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމް މަސް ކަމަށް ހުތުބާގައި ބުންޏެވެ.

ނަބިއްޔާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲ ގެ މައްސަރުކަމުގައިވާ މުހައްރަމް މަހެވެ."

މި މަސް، މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތްކުރެއްވުމުން މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގޭ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.