ޚަބަރު ސަރުކާރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވޭނެ މަގުފަހިކުރަން މަސައްކަތް ކުރާނަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ސްޓޯލެއްގައި ހުރި އުފެއްދުންތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ / ފޮޓޯ:ރައީސް އޮފީސް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވޭނެ މަގުފަހިކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމަނިކުފާނު އެހެން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެ ފަންތިތަކުގެ ވިޔަފާރިތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ އެކު މާކެޓުތަކަށް ވަދެވޭނެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކައިދިނުމަށް މިދިޔަ މަހު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީ އާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިދެވޭނެ މަގު ހޯދައިދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 2040 ވަނަ އަހަރުގެ ކުރިން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެވުމަށް އަމާޒު ހިފާފައިވާއިރު، އެކަމުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމުގަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.