ޑޮލަރު ހޯދުމަށް ބޭރު ފައިސާގެ އުސޫލުތަކަށް ކުއްލި ބަދަލުތައް ގެންނާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުުރުމާއި މުއާމަލާތްކުރުމުގެ އުސޫލުތަކަށް ކުއްލި ބަދަލުތައް ގެންނާތީ އެކަމާ ގުޅޭގޮތުން ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.
ކުއްލި މައްސަލައިގައި ބުނީ ބޭރު ފައިސާ އާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް އިންސާފުވެރިކަމާއި އިހުލާސްތެރިކަމާ އެކު ތަންފީޒު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ ކަޅުބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުރީއްސުރެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެމުން އައި ބޮޑެތި ކުންފުނިތަކުން ވެސް، ޑޮލަރުން މުސާރަ ދިނުން ހުއްޓާލައި އޭގެ ބަދަލުގައި ރުފިޔާއިން ދޭން ފަށާނެކަން މުވައްޒަފުންނަށް އަންގަމުންދާ ކަމަށެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ އެމްއެމްއޭއަށް މާރުކުރަން އޮތްއޮތުން 90 އިންސައްތައަށް ބަދަލުކޮށްފައި ވަނީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށް މައްސަލައިގައި ބުންޏެވެ.
"މި ގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން، މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވުމާ އަދި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފައި،" މައްސަލައިގައިވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ވަނީ މިއަދުން ފެށިގެން އެ ބޭންކުގެ ރުފިޔާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ ލިމިޓް ކުޑަކޮށް، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނަގަން ނިންމާފަ އެވެ.
އޭގެ އިތުރުން އާންމުންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ސައިޓުތައް ކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން ކުރާ ވިޔަފާރިތަކުން 30 އިންސައްތައިގެ ފީ އެއް ނަގަން ނިންމާފައިވާކަން ވެސް މަޓޭ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރި އެވެ.
ކުއްލި މައްސަލައިގައި ބުނި ގޮތުގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތު ކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގަ އެވެ.
"މި ކަންކަމަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަން،" މައްސަލައިގައިވެ އެވެ.
މިފަދަ ކަންކަމަކީ މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަންކަން ކަމަށް ވާތީ ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުުރުމާއި މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާ މެދު ބަހުސް ކުރުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.
މަޓޭ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 29 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
