ޚަބަރު ސަރުކާރު

މި މަހު 17 ގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރިކުރުން މަނާވާނެކަން ހަނދާންކޮށްދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދެއްކަން އަންގައިދޭ އިންޒާރު ކެފޭއެއްގެ ބޭރުގައި ހަރުކޮށްފައި / ފޮޓޯ:ޕީއެސްއެމްނިއުސް

މި މަހު 17 ވަނަ ދުވަހުގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރިކުރުން މަނާވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފި އެވެ.

Ads by MPL

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. ހުއްދައަށް އެދެން ދީފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ލައިސަންސް ނަގަން ހުށަހަޅަން ޖެހޭނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭއަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ އެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ. އެ ތާރީހަށް ފަހު ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް ގާނޫނުން ލާޒިމުކުރާ ލައިސަންސް ނެގުމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފަ އެވެ.

ދުންފަތުގެ ވިޔަފާރި ކުރުމަށް ހަތަރު ބާވަތެއްގެ ލައިސަންސެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލައިސަންސްތައް ދޫކުރާނީ އެކަމަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ލައިސަންސް ދޫކުރާ މުއްދަތު ހަމަވުމުގެ ދެ މަސް ދުވަސް ކުރިން ލައިސަންސް އާކުރަން ހުށަހަޅަން ޖެހެ އެވެ.

ދުންފަތުގެ ވިޔަފާރިއަށް ދޫކުރާ ލައިސަންސްތަކަކީ:

  • ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
  • ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް
  • ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް
  • ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީކުރުން

ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކޭނީ 5،000 ރުފިޔާގެ ފީ އެއް ދައްކައިގެނެވެ. އެ ލައިސަންސް އާކުރަން އެ އަދަދު ދައްކަން ޖެހެ އެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި ރިއެކްސްޕޯޓްކުރުމުގެ ލައިސަންސްއަށް 10،000 ރުފިޔާ ދައްކަން ޖެހެ އެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ހާއްސަކޮށްފައި ހުންނަ ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ހުއްދައަށް 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އެ ލައިސަންސްތައް އާކުރަން ވެސް އެ އަދަދު ދައްކަން ޖެހެ އެވެ.

ދުންފަތުގެ ވިޔަފާރީގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގެ ފަހުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ނަމަ ލައިސަންސް ބާތިލުކުރާނެ އެވެ.