މަސްޖިދުއް އިބްރާހީމީ އިސްރާއީލުން ހޯދަން އުޅުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ އިސްރާއީލްގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އެ ގައުމުގެ އިސްތިއުމާރު ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވީ އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރެވެ.
މި ބައްދަލުވުމުގައި އޭނާ ދެއްވި ތަޤްރީރުގައި، މަސްޖިދުއް އިބްރާހީމީ ގެ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒް ގެ އަތުން އަތުލައި، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.
އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެހެނިހެން މުޤައްދަސް ތަންތަނުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ބައިނަލްއަޤްވާމީ ޤާނޫނޫތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.
މި ކަމަކީ ފަލަސްތީނުގައި ހުރި މުގައްދަސު ތަންތަނު ގެ އިސްލާމީ ތާރީޚު އޮޅުވާލުމަށް އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލެއް ކަމަށް ސިފަކުރައްވައިފައިވެ އެވެ.
އަދި މީގެ ސަބަބުން ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި އިތުރު ގޮންޖެހުންތަކެއް ކުރުވާ ނިންމުމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަގީންކަން އޭނާ އަރުއްވާފައިވެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.
