ޚަބަރު

ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި

. ، ދެން އޮންލައިން

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން އިއްޔެ ފަށައިފި އެވެ.

އެ ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކު އެވެ.

އެގޮތުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ އެވެ.

އޭގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށާއި، އަދި އެ ހަރަކާތަކީ،  ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) ގެ އިސްވެރިން އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ އިސްވެރިން ވަނީ އިއްޔެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި އެވެ.

Ads by Allied Insurance