ވާވު ޝިޕްރެކް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ނުވަތަ ޝިޕްރެކް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ ވާވު ޝިޕްރެކް ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ.
އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރި އެވެ.
ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު އެ ޝިޕްރެކް ބަލަން ކޮންމެ ދުވަހަކުވެސް އެތައް ފަތުރުވެރިން އެ ތަަނަށްދާ އިރު މިދިޔަ ޖެނުއަރީ މަހު ކުރި ވިއްސާރައިގައި އެ ޝިޕްރެކް އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
