ހަތަރު ކިލޯގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އިއްޔެ ހިންގި އެ ހިންގި އެ އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގއ. ނިލަންދޫ / މާޑު، މުއާވިޔަތު އަޙްމަދު (30އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
