ހުޅުމާލޭގައި މިރޭ ވެސް ފުޅަނދު ދައްކާލުން އޮންނާނެ!

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިރޭވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް ނިންމައިފިއެވެ.
ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ރޭގައި ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އެހެންވެ މިރޭ 20:30 އިން 23:30 އަށް މިރޭ ހުޅުމާލޭގެ ސެންޓަރް ޕާކުގައި ފުޅަނދުތައް ދައްކާލަން ބަހައްޓާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އަދި މިރޭ ފުޅަނދު ދައްކާލާ ވަގުތުގައި އެ ސަރަހައްދުގައި އެކި ކަހަލަ ސަގާފީ ކުޅިވަރުތައްވެސް ކުރިއަށްދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައެވެ.
އެޗްޑީސީން ބުނީ މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެކެއް ކަމަށެވެ.
އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކަމުދިޔަކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
