ޚަބަރު

ހުޅުމާލޭގައި 60 ރުއް އިންދައިފި

. ، ދެން އޮންލައިން

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، ހުޅުމާލޭގައި 60 ރުއް އިންދުމުގެ ހަރަކާތެއް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއި، އެޗްޑީސީ ގުޅިގެން ކުރިއަށްގެންގޮސްފި އެވެ.

އެ ރުއްތައް އިންދާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގަ އެވެ.

އެގޮތުން ކުރިއަށް ކުރިއަށްގެންދިޔަ ރުއް އިންދުމުގެ އެގްރިކަލްޗާ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ، އަދި ހެރިޓޭޖް މިނިސްޓްރީ އަދި ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިން އަދި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ވަނީ ރުއް އިންދާފަ އެވެ.

ހުޅުމާލޭގައި މި އިންދުނު 60 ރުކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންދުނު ރުއްތަކެކެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދުފުޅުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ޖުމްލަ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ ޕްލެޖުގައި ސޮއިކޮށްފަ އެވެ.

އަދި އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް ނިންމާފަ އެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ އެވެ.

އެ ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެ އެވެ. އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.

Ads by Ooredoo