އަންނަ ހުކުރު ދުވަހު އޮންނަ ފިލްމު އެވޯޑްސްގައި 19 ފިލްމެއް ވާދަކުރާނެ

އޯގަސްޓު 22 ވާ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ މޯލްޑިވްސް ޕާފޯމިން އާޓްސް، (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑްސްގައި 19 ފީޗާ ފިލްމު ވާދަކުރާކަން އިއުލާންކޮށްފި އެވެ.
މި އެވޯޑު ހަފްލާ އިއުލާން ކުރީ މިދިޔަ އަހަރެވެ. އަދި މި އަހަރުގެ ކުރީކޮޅު އެވޯޑު ހަފްލާ ބާއްވަން އިއުލާން ކުރި އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއިހުރެ ހަފްލާ ފަސްކުރީ އެވެ.
އެމްއެސްޕީއޭއިން ފަހުން ވަނީ މިމަހު 22 ގައި އެވޯޑު ހަފްލާ ބާއްވަން ނިންމައި އިއުލާން ކޮށްފަ އެވެ. ހަފްލާ އޮންނާނީ ގިޔާސުއްދީން ސްކޫލު ހޯލުގަ އެވެ.
މިއަހަރު ބާއްވާ އެވޯޑުގައި ޖުމްލަ 19 ފިލްމެއް ވާދަ ކުރާއިރު އެއީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ނިކުތް ފިލްމުތަކެވެ.
އެވޯޑުގައި ވާދަކުރާ ފިލްމުތަކަކީ؛
- 40 ޕްލަސް
- ކަޅަކި
- ވަކިން ލޯބިން
- ނޫންތަ
- ދައުވަތު
- ގޮށްރާޅު
- ލޯބިވެވިއްޖެ
- ބަވަތި
- މާމުއި
- ނީނާ
- ފްރީ ޑެލިވަރީ
- ހެހެސް
- ހިނދުކޮޅެއް
- ކާކު
- ޖޯކަރު
- ދެވަންސޫރަ
- ބީވީމާ
- ނޮވެމްބަރު
- ނިވައިރޯޅި
މި އެވޯޑު ހަފްލާގައި ޖުމްލަ 29 އެވޯޑެއް ދޭން ވަނީ ނިންމައިފަ އެވެ. އެހެންނަަމަވެސް އެވޯޑުތަކަށް ނޮމިނޭޓުވި ފަރާތްތައް އިއުލާން ކޮށްފައެއް ނުވެ އެވެ. އަދި އެވޯޑުގައި މާކްސްދޭ ޖޫރީންގެ ތަފްސީލުވެސް ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން އެމްއެސްޕީއޭއިން ބުނެފައިވަނީ ޖޫރީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ ޖަޖުންވެސް ތިއްބަވާނެ ކަމަށެވެ.
އެމްއެސްޕީއޭގެ ފުރަތަމަ ފިލްމު އެވޯޑްސް ބާއްވާއިރު މި އެވޯޑުގައި ވާދަކުރާ ބައެއް ފިލްމުތައް، އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައިވެސް ވާދަކޮށްފައިވެ އެވެ.