ޚަބަރު

ނޮވެމްބަރުން ފެށިގެން މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުޅުދުއްފުށި ސިޓީގައި--

އަންނަ ނޮވެމްބަރު މަހުން ފެށިގެން މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

Ads by STELCO

ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ ކުރިން ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށެވެ.

އަދި އެއިން ބޮޑު އާމްދަނީއެއް ވެސް ލިބިގެން ދިޔަކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް ގަވައިދުތަކަށް ގެނައި ބަދަލުތަކާއެކު އެކަން ހުއްޓުނުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްްރީ އާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ގަވައިދުތައް ބަލައި މެނޭޖްމަންޓް ޕްލޭންއެއް ޑްރާފްޓްކޮށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި މެނޭޖްމަންޓް ޕްލޭންގެ ދަށުން އެކެއް ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެ މަސައްކަތަށް އަލުން ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަނެއްކާވެސް އެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެހެންކަމުން އެކަމަށް ތައްުޔާރުވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމިއިރު މިޔަރުގެ އާބާދީ އިތުރުވެ މިޔަރު ހަމަލާ ދިނުން ފަދަ ކަންކަން ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. އަދި ބާނާ މަސްކޮޅު މިޔަރު ކާލުމުގެ މައްސަލަ ބޮޑުވެ މަސްވެރިންގެ ޝަކުވާވެސް ބޮޑެވެ.