ޚަބަރު

ރައީސް އުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން: އިމްރާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ މީޑިއާތައް ހުއްޓުވުމަށްފަހު ރިޔާސީ ދައުރު ދަންމާލަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރިޔާސީ ދައުރު ދަންމާލުގެ ބިލް ފާސްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ނުވެ ނުދާނެ ކަމަށެވެ.

"ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ މީޑިއާތައް ހުއްޓުވުމަށްފަހު ރިޔާސީ ދައުރު ދަންމާލުމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކުރެއްވިހާ ގިނަ ވަޢުދުތައް ނުފުއްދަވާ، ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދެއްވާ، މިނެއް ނެތި ދޮގު ހައްދަވަމުން ރައީސް މުއިއްޒު އުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރުކަނޑުވާލުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މިކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން މެނުވީ މިގައުމާއި ރައްޔިތުންގެ މުސްތަޤްބަލް އަނބުރާ ނުހޯދޭނެ ކަމަށާއި އަދި މިކަމުގައި ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.

މި ބިލު ބޭރުކޮށްލުމަށް އެދި 150 ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

Ads by Ooredoo