ރައްޔިތުންނަށް ދައްކަނީ ހިޔާލީ ޕްރޮޖެކްޓުތަކެއް: ޞާލިޙް

މި ސަރުކާރުން ރައްޔިތުންނަށް ދައްކަނީ ހިޔާލީ ޕްރޮޖެކްޓުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
އއ. ބޮޑުފޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެވަޑައިގެންނެވި އެއް ވައުދަކީ ބިއްލޫރި ޓަނަލެއްގެ ވައުދު ކަމަށާއި ނަމަވެސް މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ނިކުމެ އެއީ ނުވާނެ ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އޭގެ ފަހުން ދެން ފެނުނީ "ފޭކު" ޕްރިންސެއް ގެނެސްގެން 8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރަން ސޮއިކުރިތަން ކަމަށާއި މިހާރު އެ ޕްރޮޖެކްޓު ވީތަނެއް ވެސް ނޭނގޭ ކަމަށް އިބޫ ވިދާޅުވި އެވެ. މިފަދަ ވައުދުތައް ވަމުންދާތީ ރައީސް މުއިއްޒު ހުވަފެނުގެ ތެރޭގައި އުޅުއްވާހެން ހީވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"މިކަހަލަ ހިޔާލީ ޕްރޮޖެކްޓުތަކެއް ދައްކައިގެން އެތާ އެ އިންނަވަނީ،" އިބޫ ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، އާސަންދަ ލިބޭ މީހަކު ވެސް މިހާރު ނެތް ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އާސަންދައިން ކުރާ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ވިޔަފާރިތައް ބަނގުރޫޓުވެފައިވާއިރު، މިއަހަރު ވެސް ސަރުކާރުން 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލުމާ ހަމައަށްދާއިރު، ކުރި ކަމެއްގެ ތަފްސީލެއް ސަރުކާރުން ކިޔައިނުދެވޭ ކަމަށް އިބޫ ވިދާޅުވި އެވެ.
އަދި މި ކަންކަމާއި ސުވާލުކުރަން އޮތް މީޑިއާގެ ދާއިރާގައި ތަޅު އަޅުވައި، ނޫސްވެރިކަން މަރާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
