ފ.ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، އެ މަޝްރޫއު އަލުން ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފީއައްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫއު ކުރިއަށްގެންދަވާނޭ ކަމަށެވެ.
ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި އެހެން ރަށްރަށުގެ މަސައްކަތްތައް ވެސް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފީއައްޔަށް ބޭނުންވާ ޝިޕްމަންޓް ވެސް ވަރަށް އަވަހަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ޝިޕްމަންޓް، އެ ރަށަށް ގެންދާނެ ވަކި ތާރީޚެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.
ރައީސް މިއަދު ފީއައްޔަށް ވަޑައިގެންފައިވާއިރު، އެ ރަށުގެ ބަނދަރު ތަރައްގީކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުއާއި، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުއާއި، ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ހަމައެއާއެކު ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީ ގޮތުން މިއަދު ވަނީ ފަށާފައެވެ.