ކުރިއަށް އޮތް 30 މަސް ދުވަހުގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމަން އަމާޒު ހިފައިފި

މިއަދުން ފެށިގެން ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ފ.ނިލަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމަން ކަނޑައަޅައި، ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާ ރޭ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.
ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ އެއާޕޯޓެއް ގާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި، ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ (ގާތްގަނޑަކަށް 1،500 މީޓަރުގެ ދިގު ރަންވޭއަކަށް) ވަރަށް މިހާރު ބިން ހިއްކައި ނިމެމުން އަންނަ ކަމަށެވެ.
އިތުރު 300 މީޓަރަށް ބޭނުންވާ ސަރަހައްދު ހިއްކުމަށް ވެސް، އެ މަސައްކަތް މިހާރު ކުރަމުންދާ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ބިން ހިއްކައި ނިމޭއިރު 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމްއޭސީއެލްއާ މިރޭ ހަވާލުކުރީ ނިލަންދޫ އެއާޕޯޓުގެ ސިވިލް ހުރިހާ މަސައްކަތަކާއި، އެ ތަން އޮޕަރޭޓް ކުރުމަށް ކަމަށެވެ. އަދި އެ ކުންފުނިން ނިލަންދޫގައި އެންމެ ފުރިހަމަ، ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި، މި އެއާޕޯޓު ނިންމައި ތިޔަ ބޭފުޅުންނަށް ލިބިގެންދާނެ. ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ނިލަންދޫ އެއާޕޯޓަކީ، އެ ރަށުގެ އިތުރުން ފ.އަތޮޅުގެ ތަރައްގީއަށް ވެސް ނުހަނު މުހިންމު ތަނެކެވެ.
ނިލަންދުއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ރަށެކެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ސަރުކާރުން ވަނީ ރާވައިފައެވެ.
