ޚަބަރު

ހިޔާވަހި ފައިނޭންސިން ސްކީމު ފަށައި 15 ފަރާތަކަށް ލިޔުން ދޫކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން މީހަކަށް ލޯނު ދިންކަމުގެ ލިޔުން މިނިސްޓަރު ހަވާލުކޮށްދެއްވަނީ--

ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިންގްގެ ލޯނު ސްކީމު ފަށައި 15 ފަރާތަކަށް ލޯނު ލިބޭ ކަމުގެ ލިޔުން ދޫކޮށްފި އެވެ.

Ads by MPL

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުފުޅުތަކުގައި ވެސް ހިމެނޭ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ގާއިމު ކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި  ފަސް އިންސައްތައިގެ ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިން ޕްރޮގްރާމެކެވެ.

އެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މޭ މަހު ހަމަވި އިރު  ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. އެ ފޯމުތަކުގެ ތެރެއިން "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ފޯމުތައް އިވެލުއޭޓްކޮށް 23 އެޕްލިކޭޝަނެއް އެޕްރޫވްލޮށް  އޭގެ ތެރެއިން 15 ފަރާތަކާ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދޫކުރި ލޯނުތަކާ ބެހޭ ތަފްސީލެއް މިނިސްޓްރީން ނުދެއެވެ.

އެ ސްކީމުގެ ދަށުން ތިން ވައްތަރެއްގެ ލޯނު ދޫކުރާން އޮތީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
  • ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
  • ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.