ޚަބަރު

ސިނގިރެޓްގެ ބޮޑު ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓް ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Ads by STELCO

ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި ރޭ ހައްޔަރުކުރީ ހަތަރު މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
  • އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
  • ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ
  • ކަސްޓަމަސްގައި މިހާރު މަސައްކަތް ކުރަމުންދާ ސީނިއާ މުވައްޒަފު، ޒިވާރު އިސްމާއިލް

ފުލުހުން ބުނީ އެ މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އާއްޓޭއާއި ޒިވާރު 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި ދިގަލި 10 ދުވަހަށް ބަންދުކުރި އިރު މުއާޒް ފަސް ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަގަށް އެތެރެކުރި އެ ސިނގިރެޓްތައް އަތުލައިގަތީ ކަނޑުމަގުން ގެނައި ފްލައިވުޑް ޝިޕްމެންޓެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ވަގަށް އެތެެރެކުރި ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އެތަކެތީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ. އެހެންވެ ޓެކްސް ނުދައްކަން ވަގަށް ސިނގިރެޓް އެތެރެކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

Ads by Ooredoo