ބަރާބަރަށް ދަރަނި ދައްކަމުން، މިދިޔަ 40 ހަފުތާގައި ސަރުކާރު ހިންގީ ސާޕްލަސްގައި
މި ސަރުކާރު ދަރަނި ބަރާބަރަށް ދައްކަމުން، މިދިޔަ 40 ހަފުތާގައި ސަރުކާރު ހިންގީ ސާޕްލަސްގައިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި އަހަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާނެ ކަމަށެވެ.
"އެކްސްޓާނަލް ސެކްޓާ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި. އެއާ އެކު، 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާކުރެވޭ،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މެކްރޯ އިކޮނޮމިކް އަންސްޓޭބަލް ހާލަތުން ވީއްލި، ދިވެހި ސަރުކާރުން ދަރަނި، ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން ހޯދިފައިވާ ކަމަށެވެ.
"ނަމަވެސް، 2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާންމު ދިވެހި ރައްޔިތުންނަށް އަދި އެކްސްޓާނަލް އޮބްޒާވަރުންގެ މެދުގައި ދިވެހިރާއްޖޭގެ މާލީ މުސްތަގްބަލާ މެދު ނުތަނަވަސްކަން އިހްސާސްވާނެ ކަމަށެވެ.
"އެހެންކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގައި މިކަމަށް މާލީ ވުޒާރާއިން ވިސްނައި، ފިސްކަލް ޕޮލިސީ އެކަށައެޅުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވޭ. މިލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް މި ބަޖެޓާ އެކީގައި މި އިއްޒަތްތެރި މަޖިލީހަށް ވާނީ ހުށަހަޅާފައި،: ޒަަމީރު ވިދާޅުވި އެވެ.
