ޚަބަރު

ސިނގިރެޓް ވައްކަން: އާއްޓޭއާއި މުއާޒް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އަދި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

Ads by STELCO

ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި މި މަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ އާއްޓޭއާއި މުއާޒް ހިމެނޭހެން ހަތަރު މީހެކެވެ. އަދި ފަހުން ދެ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ވެސް ހައްޔަރުކުުރި އިރު ފަހުން އެމްޕީއެލްގެ ތިން މުވައްޒަފަކުވެސް ހައްޔަރުކުރި އެވެ.

އެ މައްސަލައިގައި އާއްޓޭއާއި މުއާޒްގެ ބަންދަށް ކުރިން މުއްދަތު ޖެހިއިރު އެ މީހުންގެ ބަންދާގެ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ވެސް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެ މައްސައިގައި ހައްޔަރުކުރި އިތުރު މީހުން

  • ހދ.ވައިކަރަދޫ/ނޫރަލީގެ، އަހުމަދު ޝަހީމް (42އ)-
  • ސ.ހިތަދޫ/ޗާނދަނީގެ، ޙުސައިން ސާމިހު (35އ)
  • ހ. ރޫމޭނިޔާ/މާލެ، އަހުމަދު ފިރުސާން (35އ)
  • ކަސްޓަމަސްގައި މިހާރު މަސައްކަތް ކުރަމުންދާ ސީނިއާ މުވައްޒަފު، ޒިވާރު އިސްމާއިލް

Ads by Allied Insurance