ޙަޤީޤީ ބާއްޖަވެރިކަން ވަނީ މީހުންގެ ރުހުން ލިބުމަކުން ނޫން. ﷲތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން: ހުކުރު ޚުޠުބާ
ޙަޤީޤީ ބާއްޖަވެރިކަން ވަނީ މީހުންގެ ރުހުން ލިބުމަކުން ނޫންކަމަށާއި ﷲތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞީޙަތްތެރިވެއްޖެއެވެ.
މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި، ފައިސާއާއި، ޖާހާއި މަންސަބާއި މަޝްހޫރުކަން ލިބިގެންކަމަށާއި ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަން ކުރުމާއި ޙައްދުތައް ޤާއިމުކުރުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފްސުގެ ހަމަޖެހުންކަމަށާއި އެކަން ޙާޞިލްކުރެވޭނީ ﷲ ހަނދުމަކުރުމުންނާއި ﷲއަށް ކިޔަމަންތެރިވުމުންކަމަށް ޚުޠުބާގައި ބުނެދީފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންސާފާއި މިފަދަ ހުރިހާކަމެއް ހިމެނިފައިވާކަމަށް ހުކުރު ޚުޠުބާގައި ބުނެދީފައިވެއެވެ. އެހެންކަމުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭނަމަ މާތްﷲ އަށް ތަޤުވާވެރިވުމަށާއި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމަށާއި ﷲތަޢާލާ ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުހެލިވުމަށް ވެސް ހުކުރު ޚުޠުބާގައި ނަޞީޙަތްތެރިވެފައިވެއެވެ.
