ޚަބަރު ސަރުކާރު

ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް

ފާތިމަތު އިރުޝާ ، ދެން އޮންލައިން

ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

ދައުލަތުގެ މީޑިއާ ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީސް ކޮންޕްލެކްސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވިދާޅުވީ މި ޚާއްޞަ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް އެންމެ ފުރަތަމަ ހުށަހަޅާ 40 އުނޅަދަށް ކަމަށާއި ކަށިމިޔަރު ބާނާ އަދި ކިރުވުމަށް ޚާއްސަ 4 ބަނދަރެއް ކަނޑައަޅައިފައިވާނެ ކަމަށެވެ. އެއީ ހދ. ކުޅުދުއްފުށި ބަނދަރާއި، ށ. ފުނަދޫ ބަނދަރާއި، ރ. މަޑުއްވަރި އަދި އއ. ހިމަންދޫ ބަނދަރުކަމަށާއި މިއިން ކޮންމެ ރަށެއްގައި މިނިސްޓްރީގެ އެޖެންޓެއް ހުންނާނެކަމަށް މަލީހާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސް ކިރަން އުޅަނދު އަންނައިރު އެޖެންޓަށް އެކަން އަންގާ މަޢުލޫމާތު ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމާއި އަދި އެކަމުގެ ވިޔަފާރިގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އެ ކަންކަން ކުރަން ވާނީ މިނިސްޓްރީން އެކަމަށް ދޫކުރާ ލައިސެންސްގެ ދަށުން ކަމަށާއި މި ފަދަ ހުރިހާ ކަމަކަށް ސަމާލުކަން ދޭންވާނެ ކަމަށް މަލީހާ ވިދާޅުވިއެވެ.

ހަމައެހެންމެ ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުތަކާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާ އަދި ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް އެކަންކަން ކުރަން ވާނީ ލައިސެންސްގެ ދަށުންކަމަށާއި މި ލައިސެންސްތައް ދޫކުރެވޭނީ 1 އަހަރުގެ މުއްދަތަކަށް ކަމުގައި ވީނަމަވެސް މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1ފެށިގެން ދެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށްކަމަށް ޑިރެކްޓަރ މަލީހާ ވިދާޅުވިއެވެ.