ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ބަލަނީ
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކެއް ފުލުހުން ހިފަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ބައެއް "މަދުވި" މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓު މަދުވެފައިވާ ކަމަށެވެ.
ހިފެހެއްޓި ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން، މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު ހިފެހެއްޓި ތަކެއްޗެވެ.
"މިތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުކަން އެނގިފައި ވަނީ އެތަކެތި ކަސްޓަމްސްއާ ހަވާލު ކުރުމަށް ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު،" ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ހިފަހައްޓައި، ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ވެސް ހާމަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ވެސް ބިދޭސީއެއްގެ އަތުން ހިފެހެއްޓި ސިނގިރޭޓެވެ.
ފުލުހުން ބުނީ މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ. އަދި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ވެސް ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން، މިފަދަ ވައްކަންތައް ހިނގާ މިންވަރު ވަނީ ގިނަވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
