ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ޤާއިމް ކުރާނެ: ވަޒީރު ޑރ. ޝަފީޢު
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޢްޒުގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއިން ކުރިއަށް ގެންދާ ހަފްތާ104 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު ތަޢުލީމީ ވުޒާރާގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދެއްވުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތެއްކަމަށްވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގެނެވޭނެ މާޙައުލެއް ޤާއިމުކޮށް ދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން މިހާރު ވެސް ސްކޫލުތަކަށް އެފަދަ ކުދިންނަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެމުންދާ ކަމަށާއި އެ ވަޞީލަތްތައް އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ކުދިންނަށް އުނގަންނައިދޭ މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންގެންދާ ކަމަށާއި އިސްލާމީ ޔުނިވަރސިޓީއާއި ވިލާކޮލެޖް ގުޅިގެން ކުރިއަށްގެންދާ މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގުރާމުގައި އިންކްލޫސިވް މުދައްރިސުން ތަމްރީނު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު އަންނަ އަހަރު އެކީ ނިންމާލެވޭނެ ކަމަށާއި ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމުގެ ގޮތުން ސްކޫލުތަކުގައި ސޯލާ ހަރުކޮށް ކަރަންޓަށްކުރާ ހޭދަ ކުޑަ ކުރެވޭނެ ގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ޑރ. ޝަފީޢު ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ތަޢިލީމީ ދާއިރާގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 5.6 ބިލިއަން ރުފިޔާ ވަނީ ތަޢުލީމީ ދާއިރާއަށް ކަނޑައަޅުވާފައިއެވެ،
