ދީން

ތިބާގެ ހުރިހާ ދުޢާއެއް ވެސް ވަނީ އިޖާބަކުރައްވައިފައި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ގޫގުލް

އަޅުގަނޑުމެން ކުރާ ދުޢާ އިޖާބަ ނުކުރައްވައި ލަސްވެގެން އެކަމާ ކަންބޮޑުވެ، ދެރަވާ ފަހަރު ވަރަށް ގިނައިން އާދެއެވެ. އަދި މާޔޫސްވެ ދުޢާކުރުމާ މަޑުމަޑުން ދުރަށްދާ މީހުން ވެސް އުޅެއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟އިޖާބަ ނުކުރައްވައިގެން ތިޔަ ކަންބޮޑުވާ ދުޢާ ﷲތަޢާލާ ވަނީ އިޖާބަކުރައްވައިފައެވެ. މިހެން މި ބުނެވެނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ދުޢާ އިޖާބަކުރެއްވުމޭ ބުނެވޭ ބަހުގެ މާނައަކީ އެ ބޭނުންވާ ކަމެއް ވަގުތުން ޙާޞިލްވުމެއް ނޫނެވެ، ދުޢާ އިޖާބަކުރެއްވޭ 3 ގޮތެއް ވެއެވެ.

Ads by STELCO
  • ވަކިކަމަކަށް އެދި ﷲތަޢާލާއަށް ދުޢާ ކުރުން.

ދުނިޔެ މަތީގައިވާ ނިޢުމަތެއް ލިބުން އެދި ނުވަތަ ބައްޔަކުން ޝިފާއެއް ލިބުން އެދި ދުޢާ ކުރުމުން މާތްﷲ އެމީހަކަށް އެ ނިޢުމަތެއް ނުވަތަ އެ ބައްޔަކަށް ޝިފާ ދެއްވައެވެ. މިއީ ދުޢާ އިޖާބަ ކުރުމުގެ އެންމެ އާންމު ވައްތަރެވެ.

  • ދުނިޔޭގައި ކޮށްފައިވާ ދުޢާއެއްގެ އަޖުރު ޤިޔާމަތް ދުވަހުން ދެއްވުން.

ޢިލްމުވެރިން ވިދާޅުވަނީ، މި ފަދައިން ދުޢާގެ އަޖުރު ލިބޭ މީހުން ބުނާނެއޭ، "އަހަރެންގެ އެންމެ ދުޢާއެއް ވެސް ދުނިޔެ މަތީގައި އިޖާބަ ނުވި ނަމަ މާރަނގަޅޭ." އަޅުގަނޑުމެންނަށް ހެޔޮ ޢަމަލެއްގެ އަޖުރު އެންމެ ބޭނުން ޖެހޭ ދުވަހު ލިބުން އެއީ ކިހާބޮޑު ނިޢުމަތެއްތޯއެވެ.

  • ދުޢާ ކުރުމުން އެ ކުރާ ދުޢާގެ ބަދަލުގައި އެ މީހަކަށް ކުރިމަތިވާނެ މުސީބާތަކުން ސަލާމަތް ކުރެއްވުން.

ދުނިޔެ މަތީގައި އަޅުގަނޑުމެންނަށް ކުރިމަތިވާނެ މުސީބާތެއް ނުވަތަ ކުރެވޭނެ ގޯސްކަމެއް، މާތްﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެފަދަ މުސީބާތަކުން ސަލާމަތްކަން އަޅުގަނޑުމެން ކުރާ ދުޢާއެއްގެ ސަބަބުން އެބަލިބިގެންދެއެވެ.

ކައުއިތުރު މާތް ނަބިއްޔާ ވަނީ މި ތިން ގޮތް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފައެވެ. ރަސޫލާގެ ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ކިތަންމެ ގިނައިން ދުޢާ ކުރި ނަމަވެސް، ﷲތަޢާލާ އަޅުގަނޑުމެންނަށް ކުރާ ދުޢާގެ އިތުރަށް ދެއްވާނެއެވެ. އެކަލާނގެ ޙަޟްރަތުގައިވާ އެއްވެސް އެއްޗެއް މަދެއް ނުވާނެއެވެ."

އެހެންކަމުން ދުޢާކޮށް، ﷲތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައިނުލާށެވެ. ތިބާގެ އެއްވެސް ދުޢާއެއް ބޭކާރުވެގެން ނުދާނެއެވެ. ތިބާގެ ދުޢާ މިހާރު ވެސް ވަނީ އިޖާބަކުރެވިގެންނެވެ.

ޝައިޚް ޝިރްހާން ޢަލީގެ ދަރުހަކުން..

Ads by HDC