ނަރަކައިގެ އަލިފާން ނުބީހޭނެ ލޮލެއް!
ނަރަކައިގެ އަލިފާން ނުބީހޭނެ ލޯތަކަކީ ކޮބައިތޯއެވެ. އެ ލޯތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، އެކަލާނގެ ޢަޒާބަށް ބިރުވެތިވެ ކަރުނަ އޮއްސާލެވޭ ލޮލެވެ. އެފަދަ ލޮލެއްގައި ނަރަކައިގެ ޢަޒާބު ނުބީއްސަވާނެ ކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަޢުދުވެ ވޮޑިގަންނަވައިފައެވެ.
އަޅުގަނޑުމެންގެ ނަފްސުތައް ފާފައަށް ހުށަހެޅިގެން އެކަމަށް ބިރުވެތިވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޒާބަށް ބިރުވެތިވެ، އެކަލާނގެ ހަޟްރަތުން ފުއްސެވުން އެދި، ލޮލުން ކަރުނަ ފާއްދައިލީ ކޮންއިރަކުތޯ، ކޮންވަގުތެއްގައިތޯ ވިސްނައިލައްވާށެވެ.
ކީރިތި މާތް ނަބިއްޔާގެ ފަރާތްޕުޅުން، އަބޫހުރައިރާ ރަޟިޔަﷲ ރިވާ ކުރައްވައިފައިވާ ޙަދީޘްއެއްގައި ވެއެވެ. "ޤިޔާމަތް ދުވަހުން ، އަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަރުޝިކޮޅުގެ ހިޔާވަހިކަން ލިބޭ 7 ބާވަތުގެ މީހުންގެ ތެރެއިން އެއް ބާވަތުގެ މީހުންނަކީ، އެ މީހަކު އެކަނިމާއެކަނި ތަނެއްގައި އިނދެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޒިކުރުކޮށް، އޭނާގެ ލޮލުން ކަރުނަ އޮއްސާލެވޭ މީހާއެވެ."
އެހެންކަމުން ފާފަތަކާ ދުރުވެ ﷲގެ ޢަޒާބަށް ބިރުވެރިވާ ބައެއްކަމުގައި ވަމާހެއްޔެވެ. މަރާއި ކަށްވަޅާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާ މެދު ވިސްނައި ލޮލުން ކަރުނަ އޮހޮރާށެވެ.ޢަރުޝީގެ ހިޔަލުން ހިޔާ ލިބޭތީ މަސައްކަތްކުރާށެވެ.
އައްޝައިޚް އަބްދުއްސަލާމްގެ ދަރުހަކުން.....

