ޚަބަރު ސަރުކާރު

އަންހެނުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ފަސްނުޖެހޭނަން: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

އަންހެނުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އަދި، އެންމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭ މުޖުތަމައުއެއް ބިނާ ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިދުވަހުގެ ތީމްއަކީ ޑިޖިޓަލް ވަޔަލެންސުން އަންހެނުން ރައްކާތެރި ކުރުމެވެ. އެހެންވެ، ރައީސްގެ ޕޯސްޓުގައި އެކަމަށް ވެސް އަލިއަޅުއްވާލައިފައި ވެއެވެ.

އެގޮތުން ވިދާޅުވީ، ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް އަަހަރެމެންގެ ދިރިއުޅުން ގުޅިފައިވާ އިރު، އޮންލައިންކޮށް ފުރައްސާރަ ކުރުމާއި، ނަހަމަ ގޮތުގައި އޭގެ ބޭނުން ކުރުން އިތުރުވަމުންދާ ކަމަށެވެ.

ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، އަންހެނުން ބާރުވެރިކޮށް، އެމީހުންގެ ކުރިއެރުމާއި ގައުމުގެ ކުރިއެރުމަށް ވެސް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

Ads by Allied Insurance