އަންނަ މާޗުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިމޭނެ: ރައީސް
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކުން އަވަސް ކުރުމަށް ބޮޑު ޑްރެޖަރެއް ގެނެސް، އަންނަ މާޗު މަހުގެ ނިޔަލަށް އެ މަޝްރޫއު ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުން އަވަސް ކުރުމަށް އަންނަ މަސްތެރޭގައި ބޮޑު ޑްރެޖަރެއް ގެންނާނެ ކަމަށެވެ. އަދި، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަން ގެނައި ޑްރެޖަރަށް ވުރެ، ރަސްމާލެ ހިއްކަން ގެންނަ ޑްރެޖަރު ބޮޑުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ގާތްގަނޑަކަށް އަންނަ މަހުގެ 7 ހިސާބުގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްފަހަރާ ތިން ސަރަހައްދަކުން މިވަގުތު ވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.
"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހިސާބަށް. އެއީ ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް. އެ ތަނުން ޖުމްލަ 25000 ގޯތި ދޫކުރާނެ. ފުރަތަމަ ބުރުގައި 15000 ދިނުމަށް މިހާރު ވާނީ އިއުލާނު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވެފައި ވަނީ ގުޅިފަޅުގެ ފުން ބައި ހިއްކުމަށް ވެސް ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އިތުރުތިލަފަޅުން ވެސް 150 ހެކްޓަރުގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ.
އަދި އަންނަ މަހުގެ ތެރޭގައި ގިރާވަރު ހިއްކުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށާއި، އެ މަސައްކަތް ދެތިން މަހުން ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ޖުމްލަކޮށް ދަންނަވަންޏާ އަޅުގަނޑު ރައްޔިތުންނަށްވީ ހައުސިން ވައުދަކީ ފުއްދާނެ، ފުއްދޭނެ ވައުދެއް. މިހާރު ވެސް މިއޮތީ ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައޭ، ބިން ކްރިއޭޓް ކުރުމުގެ ކަންކަން ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.
