ބޭންކުން ލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް: ބީއެމްއެލް
ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކު ސޮއިކޮށްފައިވާ މަޝްރޫޢުތަކަށް ލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް ކަމަށް ދިވެހިންގެ ބޭންކުގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސްޕޯކްސްޕާސަން ސަޢީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ޤާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޭންކުން ލޯނު ދޫކުރާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި މިނިވަންކަމާ އެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން މުޙައްމަދު ސަޢީދު ވިދާޅުވީ، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް، ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅުން އަރާ ގޮތަށް މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް ބޭންކުގެ ސްޕޯކްސްޕާސަން އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމިއްލަ ކުންފުނިތަކާ ވަނީ ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައެވެ. އެގޮތުން 123 ރަށެއްގައި 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
