ޚަބަރު އިޖުތިމާޢީ ސަރުކާރު

ރިޕޯޓްކުރަން ހުޅުވައިލިތާ 41 ގަޑިއިރު، ޤަވައިދާ ޚިލާފު 29 ވިޔަފާރިއެއް ރިޕޯޓުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ބިދޭސީން ޤަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އާންމުންނަށް ހުޅުވައިލިތާ 41 ގަޑިއިރު ތެރޭގައި އެފަދަ 29 ވިޔަފާރިއެއްގެ ރިޕޯޓުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ނޭޝަނަލް ޓާސްކް ފޯހުން ރިޕޯޓްކޮށްފައިވާ ތަންތަން ބަލައި ފާސްކުރާނެ ކަމަށާއި އެ ފަދަ ފަރާތްތަކާ މެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ދިވެހި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުން ޤަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީން، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ދެ ގޮތެއް ފާހަގަ ކޮށްފައިވެއެވެ. އެއީ ދިވެހިން ނިވައިފަތްގަނޑަކަށް ހަދައިގެން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!