އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ މާސްކު އަޅުއްވާ: އެޗްޕީއޭ
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާތީ، ރޯގާގެ އަލާމާތެއް ހުރި ނަމަ މާސްކު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާއާއި ނޭވާލާ ނިޒާމަށް ޖެހޭ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށް ޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ސެނިޓައިޒާއިން އަތް ސާފު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.
"ހުން އައިސް ކެއްސާ ކިނބިހި އަޅާ، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަނގަޔާ ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކް އަޅުއްވާ" އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ނުދިއުމަށާއި ހުމާ ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ވާނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިމީހުންނަށް ޒިޔާރަތް ކުރާނަމަ، ކުޑަކުދިން ނުގެންދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތައިލުމަށާއި މަދިިރި ހެފުމުން ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
