ތިނަދޫގައި ހަށިވިއްކަން ތިބި ބަޔަކު ކުށުގެ ވެށިން ހައްޔަރުކޮށްފި
ގދ. ތިނަދޫގައި ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ބަޔަކު ހައްރުކޮށްފިކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ބުނީ، ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 28 ނޮވެމްބަރުވަނަ ދުވަހުގެ ރޭ 23:30 އެހާއިރު ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުގެ ގެއެއް ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ހައްޔަރަށް ގެނެވުނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39އަހަރުގެ ތައިލެންޑް އަންހެނެއް ކަމަށާއި އެ ދެ މީހުން ވެސް ހައްޔަރުކުރީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިއްބާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައިގައި އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދިވެހި ފިރިހެންމީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށާއި ތައިލެންޑް އަންހެންމީހާއަށް ވަނީ 4 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

