ރައީސްގެ ސިޔާސަތު ނަގަހައްޓަން ޕީއެންސީން ފުރިހަމަ އެއްބާރުލުން ދޭނަން: މަޖިލިސް ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ނަގަހައްޓަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހީން" ޓެލެތޯނަށް ޕީއެންސީ ޕީޖީ ގުރޫޕުން ތިން ލައްކަ ރުފިޔާގެ އެހީ ހަވާލުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ކިޔާކަމަށާއި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ޙަމްދަރުދީ ފޮނުވާކަމަށެވެ. އަދި ލަންކާއަށް އެހީވުމަށް ފުރަތަމަ އިސްނެގި ޤައުމެއްގެ ގޮތުގައި ރާއްޖެވެގެން ދިއުމަކީ ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ވަރުގަދަ މިސާލެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ވަރުގަދަ ސިޔާސަތު މި އެނގިގެންދަނީ. ދިވެއްސަކަށްވީތީ ފަޚްރުވެރިވަން. މިފަދަ ޤައުމީ ކަންކަމުގައި ޕީއެންސީ ބަދަހިކޮށް އެކުވެރިކަމާ އެކު އެ ކުރަން ޖެހުނުކަމެއް ކުރާނެ. ރައީސްގެ ސިޔާސަތުތައް ނަގަހައްޓަން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި ދެމިތިބޭނެ" ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކި، ހުރިހާ ފަރާތްތަކުން ވެސް އެހީވުމަށާއި ވިޔަފާރިތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކުން ވެސް ފުރިހަމަ އެއްބާރުލުންދެއްވުމަށެވެ. އަދި މިއީ އިންސާނީ ވާޖިބެއް ކަމުގައި ދުށުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.
