މިސްރާބު ހުރީ އެކަކު ވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކުރުމަށް: ސާޖިދާ
މިސްރާބު ހުރީ އެކަކު ވެސް ބާކީ ނުވާ މުޖުތަމައެއް ބިނާ ކުރުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ އެ ފަދައިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، އެޗްޑީސީގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝާމިލު މުޖުތަމައުއެއް ބިނާކުރުން ފަދަ ކަންކަމުގައި ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުއޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ގައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަގުބަލަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަކާ ވިދާޅުވީ އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުސަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމަށެވެ.
އަދި މި ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިހުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ހާއްސަ އިސްކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި އެއާ އެކު މިއަދު ރާއްޖެ މިސްރާބުވެފައި ވަނީ، އެންމެން ބައިވެރިވާ، އެކަކު ވެސް ބާކީ ނުވާ މުޖުތަމައެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ގައުމެއް ބިނާކުރުމާ ދިމާއަށްކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ އެޗްޑީސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ވެސް ހަވާލުކޮށްދެއްވައިފައެވެ.

