މި އަހަރުގެ ފަހު ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ހިނގައްޖެ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ މި ދައުރުގެ 28ވަނަ ޖަލްސާ މިއަދު ނިންމައިލައިފައި ވަނީ އަށް ވޯޓަކަށް އެހުމަށް ފަހުއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް ހުށަހެޅި އިސްލާހާއި، ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން، ޒަކާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ހިމެނެއެވެ.
މުހިންމު މަސައްކަތްތަކަކަށް ފަހު މަޖިލީސް ޗުއްޓީއަށްދާކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ހުރިހާ މެންބަރުންގެ މަސައްކަތަށް ޝުކުރު ދަންނަވައިފައެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިންގުމަށާއި، ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ބިލެއް އޮވެއްޖެ ނަމަ، އެ މަސައްކަތްތައް ނިންމައިފައި ނޫނީ ޗުއްޓީއަށް ދިއުމުގެ އުސޫލު 20ވަނަ މަޖިލީހުން ގެންގުޅޭ ކަމަށެވެ.
އަހަރުގެ ފަހު ދައުރު އާންމު ގޮތެއްގައި ނިމެނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރު ވަނީ ހަފްތާއަކަށް އިތުރުކޮށްފައެވެ.
މި ދައުރުގައި ކުރި މަސައްކަތްތަކަށް އަލިއަޅުއްވައިލަމުން އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި 28 ޖަލްސާއާއި 140 ކޮމެޓީ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މުހިންމު ބިލުތަކެއް ހިމެނޭހެން ޖުމްލަ 15 ބިލު ފާސްކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. އެ ޖަލްސާ އޮންނާނެ ތާރީހު މަޖިލީހުން ފަހުން އިއުލާނު ކުރާނެއެވެ.

