ޒަކާތު ފަންޑު ހިންގައި ބެހެލެއްޓުމަށް ގާނޫނެއް ވުޖޫދު ކުރުމަކީ ހަރުދަނާ ފިޔަވަޅެއް: ޝަހީމް
އިތުބާރާއި އަމާނާތްތެރިކަމާ އެކު ޒަކާތު ފަނޑު ހިންގައި ބެލެހެއްޓުމަށް ގާނޫނެއް ވުޖޫދުވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޒަކާތު ބިލު ވަނީ ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެ ބިލު ހުށަހަޅުއްވައިދެއްވިކަމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުމަށް ދުއާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޒަކާތުގެ ގާނޫނު ބިނާވެފައި ވަނީ އިސްލާމީ ފިގުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށްކަން ވެސް ފާހަގަކުރެއްވިއެވެ.
އިއްޔެ ފާސްކުރި ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުތުކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުބާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލެވުނު ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

