ދެން ފުރަމަލަ

ވިޝާޔާ: ފުޓުބޯޅަ ދަނޑުގައިވެސް، ބާސްކެޓް ކޯޓުގައިވެސް އަތު ނުޖެހޭނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވިޝާޔާ ވިލްދާންއޭ ބުނުމުން އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ، ނަމަވެސް "ނޮންނި" އޭ ބުނެފި ނަމަ ގިނަ ޒުވާނުންނަށް މި ދައްކަނީ ކާކުގެ ވާހަކައެއްކަން އެނގޭނެ އެވެ. މިޒުވާން، ހުނަރުވެރި ތަރި ގިނަ ބަޔަކަށް އެނގެނީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. ކުޅިވަރުގެ މައިދާނުގައި ނޮންނިގެ ނަން ވަނީ އެތައް ގޮތަކުން ވިދާލާފައެވެ. ވިޝާޔާގެ މޮޅު ކުޅުމުގެ ވާހަކަ މީހުން ދައްކަނީ ދައްކަން މަޖުބޫރު ވެގެންނެވެ. ވިޝާޔާ އަކީ ބާސްކެޓް ކޯޓުގައިވެސް ހަލުވި، ކުޅަދާނަ ކުޅުންތެރިއެކެވެ. ހަމަ އެފަދައިން ފުޓުބޯޅަ ދަނޑުގައި ވެސް ވިޝާޔާ އަކީ އަތު ނުޖެހޭ ކުޅުންތެރިއެކެވެ.

Ads by STELCO

ވިޝާޔާގެ ބައްޕަ އަކީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެއް

ރާއްޖޭގެ ގިނަ ޒުވާނުންނަށް ވިޝާޔާ އެނގުނު ނަމަވެސް އުމުުރުން ތަންކޮޅެއް ދޮށީ މީހުންނަށް ނޮންނި ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ވިޝާޔާ ނޭނގުނު ކަމުގައި ވިޔަސް އޭނާގެ ބައްޕަ އަކީ ކާކުކަން ގިނަ ބަޔަކަށް އެނގޭނެއެވެ. އެއީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ފުޓުބޯޅައިގައި އެންމެ މަޝްހޫރު އެއް ނަމެވެ. ކުޅަދާނަ، ހުނަރުވެރި ފޯވާޑް ވިލްދާން މުހައްމަދުއެވެ. ވިލްދާން އަކީ ރާއްޖޭގެ މަޝްހޫރު ގިނަ ކުލަބްތަކަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ. ރާއްޖޭގެ ގައުމީ ޖާރޒީގައި ރާއްޖޭގެ ގައުމީ ޓީމަށް އެތައް ލަނޑެއްް ކާމިޔާބުކޮށްދިން "ޓޮޕް ސްކޯރާރ" އެކެވެ.

ވިލްދާން ބޮޑަށް މަޝްހޫރުވެފައި ވަނީ އޭނާގެ ގޯލްތަކުގެ "ނިންމާލުން" ރީތި ވުމުންނެވެ. އަދި އޭނާގެ ތަފާތު، ފޯރިގަދަ "ސެލެބްރޭޝަން" އަށެވެ. ގޯލެއް ޖަހައިފި ނަމަ ވިލްދާންގެ "'ސެލެބްރޭޝަން" އިންވެސް ދަނޑަށް ވަދެ ތިބޭ ހުރިހާ ސަޕޯޓަރުންނެއްގެ ލޭ ކައްކުވާލާނެ ކަމަށް މީހުން ބުނެއެވެ. ވިލްދާން ދިވެހި ފުޓްބޯޅައިގެ ތެރެއަށް ވިދާލީ "ޔޫތު ސްޕޯޓްސް ކުލަބް" އިންނެވެ. އެއަށްފަހު ވެލެންސިއާ އަދި ވިކްޓްރީ ފަދަ ރާއްޖޭގެ ނަން ހިނގާ ބޮޑެތި ކުލަބުތަކަށްވެސް އޭނާ ކުޅެފައި އެބަހުއްޓެވެ.

މިއަދު ވިލްދާން ވަނީ ކުޅުމާ ދުރަށް ގޮސްފައެވެ. ނަމަވެސް ވިލްދާންގެ ލޯބިވާ ދަރިފުޅު ވިޝާޔާ މިއަދު އެހުރީ ބައްޕަގެ 12 ނަންބަރު ޖާރޒީގައި ގައުމު ފަޚުރުވެރިކޮށްދިނުމުގެ އުއްމީދުގައެވެ.

1999 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް، 12 ނަންބަރު ޖާރޒީގައި ވިލްދާން

އެންމެ ފުރަތަމަ ކުޅެ އުޅުނީ ބާސްކެޓް

ވިޝާޔާ އެންމެ ކުޑައިރުއްސުރެ ވެސް ކުޅެ އުޅުނީ ބާސްކެޓް ބޯޅައެެވެ. އެންމެ ފުރަތަމަ ވިޝާޔާ ބާސްކެޓް ބޯޅަ ކުޅެން ފެށިއިރު އޭނާގެ އުމުރަކީ އެންމެ 6 އަހަރެވެ. ވިޝާޔާ ބާސްކެޓް ބޯޅަ ކުޅެން ފެށީ އެދުވަސްވަރު ރާއްޖޭގެ ހުރިހާ ކުޅިވަރަކުން ވެސް ހިންގަން ފެށީ "ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)" އިންނެވެ.

ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްގައި އެތަނުގެ ކޯޗުންނަށް ވިޝާޔާގެ ހުނަރުވެރިކަން ފެނިގެން ދިޔައެވެ. ބާސްކެޓް ކުޅުމުގެ ހުނަރު އޭނާގެ ކިބައިގައި ހުރިކަން ހާމަ ވެގެން ދިޔައެވެ. ނަތީޖާއަކަށްވީ އިންޓަރސުކޫލްގެ އިސްކަންދަރު ސުކޫލްގެ ބާސްކެޓް ސްކޮޑުގައި އޭނާގެ ނަން ހިމެނުމެވެ.

ވިދާލީ އިންޓަރސުކޫލް މުބާރާތުން

އެންމެ ފުރަތަަމަ ވިޝާޔާ ކުޅުނު އިންޓަރސްކޫލް މުބާރާތަކީ 12 އަހަރުން ދަށުގެ އިސްކަންދަރު ޓީމަށް އޭނާ ކުޅުނު އިންޓަރ ސުކޫލް މުބާރާތެވެ، އެމުބާރާތުގައި ވެސް ވިޝާޔާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކުޅުމެކެވެ. އެ އަހަރުގެ ބާސްކެޓް މުބާރާތް ބަލަންދިޔަ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ ވެސް އޭނާގެ މޮޅު ކުޅުމަށެވެ.

2008 ވަނަ އަހަރު ކުޅެވުނު އޭނާގެ ފުރަތަމަ ބާސްކެޓް ބޯޅަ މުބާރާތުގައި ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެ އަހަރު 12 އަހަރުން ދަށުގެ އިންޓަރސުކޫލް ބާސްކެޓް މުބާރާތުން އިސްކަންދަރު ސުކޫލް ދެވަނަ މަގާމު ހޯދިއިރު ޓީމުގެ އެންމެ އިސް ދައުރެއް އަދާކުރި އެކަކީ ވިޝާޔާއެވެ. އަދި އެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.

އެއީ ވިޝާޔާގެ ބާސްކެޓް ކެރިއަރުގެ ފެށުމެވެ. އެ މުބާރާތަށްފަހު ކޮންމެ އަހަރެއްގެ އިންޓަރސުކޫލްގައި ވެސް ވިޝާޔާ ދިޔައީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. ގްރޭޑް 7އާ ހަމައަށް އިސްކަންދަރު ސުކޫލުން ކިޔެވުމަށްފަހު އަމީނިއްޔާ ސުކޫލަށް ގުރޭޑް 8 އަށް ބަދަލުވެ، ވިޝާޔާ އަމީނިއްޔާގެ ޖާރޒީގައިވެސް ވަނީ ބާސްކެޓްގެ ގިނަ މުބާރާތްތަކެއް ކުޅެ ކާމިޔާބީތަކެއް ހޯދާފައެވެ.

ބާސްކެޓް ގައުމީ ޓީމަށް ވެސް ކުޅުނު

އިންޓަރސުކޫލް މުބާރާތްތަކުގައި ވިޝާޔާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކުޅުމެކެވެ. ވިޝާޔާގެ މޮޅު ކުޅުން ގައުމީ ކޯޗުންގެ ލޮލުގައި އަޅައިގަންނާކަށް ވެސް މާ ގިނަ ދުވަހެއް ނުނެގިއެވެ. ވިޝާޔާއަށް 2017 ވަނަ އަހަރު ގައުމީ 16 އަހަރުން ދަށުގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން ޖާގަ ލިބިގެން ދިޔައެވެ.

2017 ވަނަ އަހަރު 16 އަހަރުން ދަށުގެ ޓީމާއެކު ވިޝާޔާ ބައިނަލްއަގްވާމީ މުބާރާތަކަށް ވެސް ދިޔައެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި އޮތް މި މުބާރާތުގައި ގައުމީ 16 އަހަރުން ދަށުގެ އަންހެން ބާސްކެޓް ޓީމުގެ ކެޕްޓަންކަން ކުރީ ވިޝާޔާއެވެ. އެ މުބާރާތުގައި މާ ގިނަ ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް އެ މުބާރާތް ވެގެން ދިޔައީ ވިޝާޔާގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަށެވެ.ރަނގަޅު ތަޖުރިބާއަކަށެވެ.

ބާސްްކެޓުން ފުޓުބޯޅައަށް، ކިހިނެއް؟ ކޮންއިރަކު؟ ކީއްވެ؟

ސުކޫލް ދައުރުންސުރެ ބާސްކެޓް ބޯޅަ ކުޅެމުން އައި ހުނަރުވެރި ކުޅުންތެރިއަކު ކުއްލިއަކަށް ފުޓުބޯޅައިގެ ދާއިރާއިން ފެނިދާނޭ ހީކުރާނީ ވެސް ކާކު ހެއްޔެވެ؟ ނުވަތަ ބާސްކެޓް ކުޅުމަށް ހުނަރުވެރި މި ކުޅުންތެރިޔާ ފުޓުބޯޅަ ދަނޑުގައިވެސް އަތު ނުޖެހޭނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ބާސްކެޓަށްވުރެ އިސްކަމެއް ފުޓުބޯޅައަށް މި ކުޅުންތެރިޔާ ދޭނެ ކަމަށް ހީކުރީ ކާކު ހެއްޔެވެ؟

މީހަކު ހީކުރިޔަސް، ނުކުރިޔަސް އަދި މީހަކު މިކަން ލަފާކޮށްފައި ވިޔަސް ނުވިޔަސް ކަންތައްތައް ވެގެން ދިޔަ ގޮތަކީ މިއީއެވެ. 2017 ވަނަ އަހަރު އޯލެވެލް އިމްތިހާނު ނިންމުމަށްފަހު ވިޝާޔާ އިތުރަށް ތައުލީމް ހާސިލު ކުރުމަށް މެޕްސް ކޮލެޖާއި ގުޅުނެވެ. މެޕްސް ކޮލެޖާއި ގުޅުމަކީ ނުވަތަ އިތުރަށް ތައުލީމް ހާސިލު ކުރުމަށް ކޮލެޖަކަށް ވަންނަ ހިތްވުމަކީ މިއަދު ފުޓްބޯޅައިގައި ވިޝާޔާ ވިދާލި ސަބަބު ނޫން ކަމުގައިވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ ހެއްޔެވެ؟

ވިޝާޔާ ފުޓުބޯޅަ ދަނޑުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2018 ވަނަ އަހަރުގެ އެމްއެންޔޫއެސްޔޫ ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގައި މެޕްސް ކޮލެޖުގެ ޖާރޒީގައި ވިޝާޔާ ދެއްކީ ތަފާތު ކުޅުމެކެވެ. ސާބިތު ކޮށްދިނީ އޭނާގެ ހުނަރަކީ ހަމައެކަނި ބާސްކެޓު ބޯޅަ ނޫން ކަމެވެ. އޭނާގެ ބައްޕަގެ ފުޓްބޯޅަ ކުޅުމުގެ ހުނަރު ވެސް އޭނާއަށް ލިބިފައިވާ ކަމެވެ.

އެމްއެންޔޫ އެސްޔޫގެ މުބާރާތުގައި ވިޝާޔާ މެޕްސް ކޮލެޖްގެ ޖާރޒީގައި ދެއްކީ ތަފާތު ކުޅުމެކެވެ. ފުޓުބޯޅަ އަކީ އަންހެން ކުދިންނަށް ވެސް ކުޅެވޭނެ އެއްޗެެއްކަން އޭނާ ދިޔައީ ސާބިތު ކޮށްދެމުންނެވެ. އެގޮތުން ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވިޝާޔާ ހާސިލު ކުރިއެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ލިސްޓުގައި ވެސް ވިޝާޔާގެ ނަން ހިމެނުނެެވެ.

ފުޓްބޯޅަ ތަ ބާސްކެޓް ބޯޅަ ތަ؟ އުނދަގޫ ނިންމުމެއް

އެމްއެންޔޫއެސްޔޫ ފުޓްސަލް މުބާރާތުގައި ވިޝާޔާ ދެއްކި މޮޅު ކުޅުން އަޅައިގަތީ ހަމައެކަނި ކުޅިބަލަން ދިޔަ ސަޕޯޓަރުންގެ ލޮލުގައެއް ނޫނެވެ. އޭނާގެ މޮޅު ކުޅުން އޭރުގެ ގައުމީ އަންހެން ޓީމުގެ ކޯޗު އަނިލްގެ ލޮލުގައިވެސް އަޅައިގަތެވެ. ނަތީޖާއަކަށްވީ ވިޝާޔާއަށް 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމަށް އަނިލް ފުރުސަތު ދިނުމެވެ.

ވިޝާޔާއަށް 16 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމަށް ދާން ފުރުސަތު ލިބުނު އިރު އޭނާ ދިޔައީ ސީނިއާރ އަންހެން ބާސްކެޓް ބޯޅަ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވަމުންނެވެ. ކަން އޮންނަ ގޮތުން ދެ ކުޅިވަރެއްގެ ގައުމީ ޓީމުގައި އެއް ކުޅުންތެރިއަކަށް ނުކުޅެވެއެވެ. އެހެންކަމުން ވިޝާޔާއަށް ޖެހުނީ ކޮންމެވެސް އެއް ކުޅިވަރަކުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާށެވެ. އެ ނިންމުންވީ ވިޝާޔާއަށް ނިންމަން ވަރަށް އުނދަގޫ ނިންމުމަކަށެވެ.

ފުޓްބޯޅަ އާއި ބާސްކެޓް ބޯޅައިގެ ތެރެއިން ވިޝާޔާ ޚިޔާރު ކުރީ ފުޓްބޯޅައެވެ. މުސްތަގުބަލުގައި ކުރިއަށް ދިއުމަށް އޭނާ ނިންމީ ފުޓްބޯޅައިގެ ދާއިރާއިންނެވެ. އުނދަގޫ ނިންމުމެއް ނަމަވެސް ވިޝާޔާ އެ ނިންމުން ނިންމީ ސާބިތުކަމާއި ވަރުގަދަ އަޒުމަކާއެކުގައެވެ.

އަނބުރާ ބާސްކެޓް ބޯޅައަށް؟

ވިޝާޔާ ފުޓްބޯޅަ ދޫކޮށް އެނބުރި ބާސްކެޓް ބޯޅައަށް ގޮސްދާނެ ހެއްޔެވެ؟ ބާސްކެޓްބޯޅައިގެ ގައުމީ ޖާރޒީގައި އަނެއްކާވެސް ވިޝާޔާ ފެނިދާނެ ހެއްޔެވެ؟ މި ސުވާލުތަކަކީ ވަރަށް މުހިއްމު ސުވާލުތަކެއް ކަން ޔަގީނެވެ.

މި ސުވާލުތަކަށް ވިޝާޔާ ދިނީ ކުރު ޖަވާބެކެވެ. އެނބުރި ބާސްކެޓް ބޯޅައަށް ނުދާނެ ކަމުގައި ވިޝާޔާ ފާހަގަ ކުރިއެވެ. ބާސްކެޓް ބޯޅައިގެ މުބާރާތްތަކުން އޭނާ ފެނިގެން ގޮސްފާނެއެވެ. ނަމަވެސް ބާސްކެޓް ބޯޅައިގެ ގައުމީ ޓީމަކުން ވިޝާޔާ ދެނެއް ނުފެންނާނެއެވެ.

ފުޓުބޯޅައިގެ ގައުމީ ޖާރޒީގައި ބައިނަލްއަގްވާމީ މުބާރާތްތަކެއް

ވިޝާޔާ 19 އަހަރުން ދަށުގެ ފުޓްބޯޅަ ގައުމީ ޓީމާއި ގުޅުނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު ވިޝާޔާ ވަނީ ގައުމީ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމާއެކު 2 މުބާރާތެއް ކުޅެފައެވެ.

އެ ދެމުބާރާތަކީ ބޫޓާންގައި އޮތް އޭއެފްސީ ކޮލިފައިން އާއި ކިރިގިސްތާނުގައި އޮތް ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ވެސް މާ އެދެވޭ ނަތީޖާތަކެއް ނުހޯދުނު ނަމަވެސް މި މުބާރާތް ވެސް ވީ ރާއްޖޭގެ އަންހެން ޓީމަށް ރަނގަޅު ތަޖުރިބާ އަކަށެވެ.

ގައުމީ ސީނިއަރ ޓީމަށް އުމުރުން 18 އަހަރުގައި

ވިޝާޔާ ފުޓުބޯޅަައިގެ ތެރެއަށް ނުކުމެ މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ނަން ފުޓުބޯޅައިގެ އެންމެ އުހުގައި ވެސް ވިދަން ފެށިއެވެ. އޭނާގެ މޮޅު ކުޅުން ފެނި އެތައް ކޯޗުންނެއް އާޝޯހު ވިއެވެ.

2019 ވަނަ އަހަރު ވިޝާޔާއަށް ސީނިއާ އަންހެން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެ ފުރުސަތު ލިބުމުން ވިޝާޔާއަށް ކުރެވުނު އިހްސާސްތައް އޭނާ ވަނީ "ދެން" އާއި ހިއްސާ ކޮށްފައެވެ.

ވިޝާޔާ ވަނީ ސީނިއާ ގައުމީ އަންހެން ޓީމާއެކު ބައިނަލްއަޤްވާމީ މުބާރާތްތަކެއްވެސް ކުޅެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އޮތް ސާޕްޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ސްކޮޑުގައި ވިޝާޔާގެ ނަން ހިމެނުނެވެ. މި މުބާރާތަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ޓީމަކަށް މެޑައްޔެއް ކާމިޔާބު ކުރެވުނު ފަހަރެވެ. އެ މުބާރާތުގައި ލޯ މެޑަލް ރާއްޖޭގެ އަންހެން ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.

ބައްޕަގެ 12 ނަންބަރު ޖާރޒީގައި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އުއްމީދުގައި

ވިޝާޔާ އެންމެ ކުޅޭ ހިތްވާ ޖާރޒީ ނަންބަރަކީ 12 އެވެ. ބާސްކެޓް ކުޅުނު އިރު އަބަދުވެސް އޭނާ ކުޅެފައިވަނީ 12 ނަންބަރު ޖާރޒީގައެވެ. ނަމަވެސް ފުޓްބޯޅަ ކެރިއަރުގައި އަދި އޭނާ 12 ނަންބަރު ޖާރޒީގައި އަދި ކުޅެފައެއް ނުވެއެވެ. އޭނާގެ އުއްމީދަކީ 12 ނަންބަރު ޖާރޒީ ލައިގެން ގައުމީ ޓީމަށް ކުޅެވޭނެ ދުވަހެއް އައުމެވެ.

ހަމައެހެންމެ އެ 12 ނަންބަރު ޖާރޒީގައި ގައުމަށް ރަން މެޑަލްއެއް ހޯދައިގެން އާދެވޭނެ ދުވަހަކަށް ވިޝާޔާ އިންތިޒާރު ކުރެއެވެ. އޭނާގެ އުއްމީދަކީ އަންހެން ފުޓްބޯޅައިން ރާއްޖެއަށް ތައްޓެއް ހޯދައިދިނުމެވެ.

ޓީމް މޭޓުންގެ ނަޒަރުން ވިޝާޔާ

ވިޝާޔާއާއެކު ގައުމީ 19 އަހަރުން ދަށުގެ ޓީމުގައި ކުޅުނު ކުޅުންތެރިޔާ އަރީފާ އަބްދުﷲ ބުނީ ވިޝާޔާ އަކީ ވަރަށް ހިތްހެޔޮ އެންމެންނާ ވެސް ގުޅޭ މީހެއް ކަމަށެވެ. ޓީމް މޭޓެއްގެ ހައިސިއްޔަތުން އަދި އެކުވެރިއެއްގެ ހައިސިއްޔަތުންވެސް އަބަދުވެސް ކުރާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ދަނޑު މަތީގައި ވިޝާޔާގެ އެންމެ ފާހަގަ ކޮށްލެވޭ ސިފަ އަކީ ކޮބައިތޯ "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އަރީފާ ބުނީ ވިޝާޔާ އަކީ ދުވަހަކުވެސް "ގިވް އަޕް" ކުރާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް، ރެފްރީގެ ފަހު ކަށިގަނޑާއި ހަމައަށް ވެސް ހިތްވަރާއެކު މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި އަރީފާ ، ވިޝާޔާ ސިފަކުރިއެވެ. ވިޝާޔާއާއެކު ގައުމީ ސީނިއާ ޓީމަށް ކުޅެ، އެކުގައި ގައުމު ފަޚުރުވެރިކޮށް ދެވޭނެ ދުވަހެއް ދެކެން ވަރަށް ބޭނުން ކަމުގައިވެސް އަރީފާ ފާހަގަ ކުރިއެވެ.

ވިޝާޔާއާއެކު ގައުމީ ސީނިއާ ޓީމަށް އަދި 19 އަހަަރުން ދަށުގެ ޓީމަށް ވެސް ކުޅުނު ކުޅުންތެރިޔާ ތާނީ ބުނީ، ވިޝާޔާ އަކީ އަބަދު ވެސް ވަރަށް ގަދައަޅާ މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެހެން ކުޅުންތެރިންނާއި ގުޅިގެން މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ތާނީ، ވިޝާޔާ ސިފަ ކުރިއެވެ. ރަހުމަތްތެރިއެެއްގެ ގޮތުގައި ނަމަ އެއީ އެންމެ ގާތް އެކަކު ކަމަށާއި ހަގީގަތުގައި ހަމަ "އާއިލާ" ކަމުގައި ތާނީ ބުންޏެވެ.

ތާނީ ބުނީ ދަނޑުމަތީގައި ވިޝާޔާގެ އެންމެ ފާހަގަ ކޮށްލެވޭ ސިފަ އަކީ އެހެން ކުޅުންތެރިންނާއި ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. ދަނޑުމަތީގައި އެހެން ކުޅުންތެރިންނާއެކު "ކޮމިއުނިކޭޝަން" ވިޝާޔާގެ ވަރަށް ރަނގަޅު ވާނެ ކަމުގައި ތާނީ ފާހަގަ ކުރިއެވެ.

ވިޝާޔާ ޓީމް މޭޓުންނާއެކު، ކަނާތުން ވާއަތަށް. އަރީފާ، ތާނީ،ވިޝާޔާ އަދި ނަޝާޔާ

ވިޝާޔާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަދި ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އީމާ ބުނީ، ވިޝާޔާ ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައިވިޔަސް އޭނާއަށް ސަޕޯޓް ކުރާނެ ކަމަށެވެ. އަދި ވިޝާޔާ އަކީ ކޮންމެ ކުޅިވަރެއްގައިވެސް މޮޅު ކުޅުންތެރިއެއް ކަމަށާއި ވިޝާޔާއަށް އަބަދުވެސް ކާމިޔާބަށް އެދޭކަމަށް އީމާ ބުންޏެވެ.

ވިޝާޔާއާމެދު މަންމަ އާއި ބައްޕަ ފަޚުރުވެރިވޭ

ވިޝާޔާގެ ބައްޕަ ވިލްދާން މުހައްމަދު ބުނީ ވިޝާޔާ އެންމެ ކުޑައިރުއްސުރެ ވެސް ކުޅެ އުޅުނީ ބާސްކެޓް ބޯޅަ ކަމަށެވެ. އަދި ކުޑައިރު ފޮނުވީ ވެސް ބާސްކެޓް ބޯޅަ ކުޅެން ކަމަށާއި އެ ދާއިރާއިން ވިޝާޔާ ކުރިއަރަން އޭނާ ވެސް ބޭނުންވި ކަމަށެވެ. ނަމަވެސް ވިޝާޔާ ސުކޫލް ނިމި ކޮލެޖަށް ގޮސް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން ފުޓްބޯޅައިގެ ތެރެއަށް ވަނީ ކަމުގައި ވިލްދާން ފާހަގަ ކުރިއެވެ. އަދި ވިޝާޔާގެ މޮޅު ކުޅުމާއެކު ކޯޗް އަނިލް ،ވިލްދާނަށް ގުޅި ހަނދާން އޭނާ އާކުރިއެވެ.

"އަނިލް އެއް ދުވަހަކު އަޅުގަނޑަށް ގުޅާލާފަ ބުނަނީ، ވިޝާޔާ އެއީ ދަރިފުޅު ހޯ. ދެން އަޅުގަނޑު ބުނީ "އާން އެއީ މަގޭ ދަރިއޭ". ބުނީމަ ބުނީ އޭނަ ފޮނުވަބަލާށޯ ނެޝަނަލް ޓީމް ޕްރެކްޓިސްއަށް. ދެން އަޅުގަނޑު ބުނީ އަނިލް ކުޅެނީ ފުޓްބޯޅަ ނޫންހެއްޔޭ، އެއީ ބާސްކެޓް ކުޅޭ ކުއްޖެއް ނޫންހެއްޔޭ. ބުނީމަ ބުނީ ނޫނެކޯ ފުޓުބޯޅައަށްވެސް ވަރަށް މޮޅޯ"

ވިލްދާނަށް އޭނާގެ ލޯބިވާ ދަރިފުޅު ފުޓްބޯޅަ ކުޅޭކަން ވެސް އެނގުނީ އެހިސާބުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ވިލްދާން ބުނީ ދިވެހިރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަކީ މާ ބޮޑު ކުރިމަގެއް އޮތް ކަމެއް ކަމުގައި އޭނާ ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ އޭނާއަކީ ވެސް ގިނަ ކުޅިވަރުތަކެއް ގައުމީ ޓީމަށް ވެސް ކުޅުނު ކުޅުންތެރިއަކަށް ވެފައި މިއަދު އެ ކުޅުންތެރިންގެ އަގު އަދާ ނުކުރުން ކަމުގައި އޭނާ ފާހަގަ ކުރެއެވެ.

އެހެންނަމަވެސް ވިޝާޔާ ކުރިއަރަމުން ދާތަން ފެންނާތީ ވަރަށް އުފާވާ ކަމުގައި ވިލްދާން ފާހަގަ ކުރިއެވެ. އަދި ދަރިފުޅާމެދު ފަޚުރުވެރިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އަބަދުވެސް އެހީވާނެ ކަމުގައި ފާހަގަ ކުރިއެވެ.

ވިޝާޔާގެ މަންމަ "ދެން"އާ ވާހަަކަ ދައްކަމުން ބުނީ، ވިޝާޔާ ކުޅެން ބޭނުންވާ ކޮންމެ ކުޅިވަރެއް ކުޅުމުގައި ވެސް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ވިޝާޔާ ފުޓްބޯޅައިން ކުރިއަށް ދާން ނިންމީ އެއީ އޭނާގެ ބައްޕަ ވެސް ވިދާލި ކުޅިވަރުކަމަށް ވާތީ ކަމުގައި ވިޝާޔާގެ މަންމަ ފާހަގަ ކުރިއެވެ.

ވިޝާޔާ ފުޓްބޯޅައަށް ނިކުމެ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި ގައުމީ ސީނިއާ ޓީމަށް އެރުމުން ވަރަށް އުފާވާ ކަމަށާއި އެއީ އުއްމީދު ވެސް ކޮށްގެން ހުރި ކަމެއް ނޫން ކަމުގައި ވިޝާޔާގެ މަންމަ ފާހަގަ ކުރިއެވެ.

މިއަދު ވިޝާޔާ މަންމަގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ. އެ އުއްމީދަކީ ވިޝާޔާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގައުމީ ޖާރޒީގައި ކުޅޭތަން ފެނުމެވެ. އަދި އެނޫން ، ފޮނި ، އެހެން އުއްމީދެއް ވެސް އެބައޮތެވެ.

"ވިޝާޔާގެ ބައްޕަގެ ނަން ވިދާލި ގޮތަށް ދަރިފުޅުގެ ނަން ވިދާލުމަކީ ވެސް އަޅުގަނޑުގެ ވަރަށް މޮޅު އުއްމީދެއް"

ވިޝާޔާ އޭނާގެ މަންމައާއެކު

ވިޝާޔާ މިއަދު އެހުރީ ގައުމީ ސީނިއާ އަންހެން ޓީމުގައެވެ. އެޓީމުގައި ހުރި އެންމެ ޒުވާން ކުޅުންތެރިންގެ ލިސްޓުގައި ވިޝާޔާގެ ނަން ވިދާލައެވެ. ވިޝާޔާގެ ކެރިއަރުގައި އޭނާ ހާސިލު ކުރަން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. ބައްޕަގެ 12 ނަންބަރު ޖާރޒީގައި ހަގީގަތަކަށް ހަދަން ބޭނުންވާ އެތައް ހުވަފެންތަކެއް އެބަހުއްޓެވެ. ވިޝާޔާ ސާބިތުކޮށްދެމުން އެދަނީ އަންހެން ކުދިންނަށް ވެސް ފުޓުބޯޅައިން ގައުމު ފަޚުރުވެރި ކޮށްދެވޭނެ ކަމެވެ.

ވިޝާޔާއަށް އަޅުގަނޑާއި "ދެން" ގެ ފަރާތުން އުފާވެރި، ފާގަތި ދުވަސް ތަކަކަށް އެދެމުއެވެ.

  1. ނިމާލު

    މުހިންމު އެއް މައުލޫމާތު އުނިވީމައި ދަންނަވާލަން. ނޮންނިގެ ބޮޑުބޭބެ އަކީ ޤައުމީ ބާސްކެޓް ޓީމުގެ ގާޑް އިސްމާއީލް ވިލްދާން.