ޚަބަރު

ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅުކުރަން މުއައްސަސާތައް ހަރުދަނާކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅުކުރަން މުއައްސަސާތައް ހަރުދަނާކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިކަން ފާހަގަކުރެއްވީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބާތުގައި މިރޭ އެމަނިކުފާނުގެ މެސެޖެއް ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ތައުލީމާއި، ސިއްހީ ޚިދުމަތާއި، އިޖްތިމާޢީ ރައްކާތެރިކަން ފަދަ އަސާސީ ޚިދުމަތްތައް ވެސް މިހާރަށްވުރެ ފުޅާކުރަން ބޭނުންވާ ކަމަށެވެ.

މުޖުތަމަޢުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ގާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހަރަކާތްތެރިވުމުގެ އިތުރުން ރާއްޖެއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ މުއާމަލާތްތައް ހަރުދަނާކޮށް، ޙައްޤުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން ވަރަށް އިސް ސަފުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ރައީސް އެރުއްވިއެވެ. ވަކީން ހާއްސަކޮށް، އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ވެސް ރާއްޖެ ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ކަމުގައި ރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ހައްގުތަކަކީ ސަރަހައްދީ އިމެއް އެ ކަމުގައި ނެތް، އަދި އެ ހައްގުތައް ޙިމާޔަތްކުރުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަން ކަމަށް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!