ޚަބަރު

ޖަލުންކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރަން އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާފުށީ ޖަލު

ޖަލުން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރަން ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by STELCO

ހޯމް މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނެއްގައި ބުނީ ޖަލުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ ގާނޫނާ ގަވައިދާ ހިލާފު އަމަަލުތައް ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ އެކަން ހައްލުކުރުމުގެ ގޮތުން އެފަދަ ކޯލުތައް ރިޕޯޓު ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކު ކުރެވޭ ނަމަ އެކަން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ. އެ މައްސަލަ ރިޕޯޓުކުރުމަށް ހާއްސަ ވެބްލިންކެެއް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ސްކޭމްތައް ޖަލުން ހިންގާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. އަދި ޖަލުން ކުރާ ކޯލްތައް ހުއްޓުވަން ހާއްސަ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވެފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުން މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި،ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު އަތުލައިގެންފައި ވެއެވެ.

ޖަލުން ކުރާ ސްކޭމް ކޯލުތަކުން އޮޅުވައިލައިގެން އެތައް ހާސް ރުފިޔާއެއް މީހުންގެ އަތުން ފޭރިގެންފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!