ކޮލަމް

އަޝްރަފްގެ ގަލަމުން- ދިވެހި ވެހި ލަފުޒު: ދިވެހިބަހުގެ މުއްސަނދި ތަރިކައެއް

އަޝްރަފް ޢަލީ ، ދެން އޮންލައިން

ކޮންމެ ބަހަކީ ވެސް އެ ބަހެއް ލެއްވި މާހައުލެއްގެ ޠަބިޢަތާއި ފިޠުރަތުގެ މައްޗަށް ބިނާވެފައިވާ އިލާހީ ނިޢުމަތެކެވެ. މިހެން ވުމުން ކޮންމެ ބަހެއްގައި ވެސް ތަފާތު ކަންތައްތަކެއް ހުރެއެވެ. އެއްބަސް އަނެއް ބަހާ ބަހަވީ ގޮތުން ހުންނަ ގުޅުންތަކުގެ އެއް ގޮތް ކަމާއެކު ކޮންމެ ބަހަކަށް ވެސް އެ ބަހެއްގެ މިޒާޖާ ގުޅޭ ތަފާތު އެތައް ކަމެއް ވެސް ލިބިގެންވެއެވެ. އަޑުތަކުގެ ގޮތުންނާއި ލަފުޒުގެ ގޮތުންނާއި ލަފުޒާއި އިބާރާތްތަކާއި ބަސްކޯޅިތަކާއި އެކި ހާލަތްތަކުގައި ޝުޢޫރުފާޅުކުރާ ޚާއްޞަ ލަފުޒުތަކާއި ބުނުންތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. ބަހަކީ މުއުޖިޒާތެކޭ ބުނެވެނީ މި ދެންނެވުނު އެތައް ކަމަކާ ހުރެއެވެ.

Ads by Sosun Fihaara

ތެދެކެވެ! ބަހެއްގައި ކިތަންމެ ކުޑަކުޑަ ތަފާތެއް ވެސް ހިމެނެނީ ބަހަވީ މުހިންމު އުންސުރެއްގެ ގޮތުގައެވެ. އެއީ ތަލައްފުޒު ކުޅައުމުގައި ލަފުޒަކަށް އަންނަ ކުޑަކުޑަ ތަފާތު ވެސް ހިމެނޭ ގޮތުންނެވެ. މިއީ ބަހަވީ ސިންދަފާތު، ނުވަތަ ލިންގުއިސްޓިކު ޑައިވަރސިޓީގެ މުއްސަނދިކަމެވެ. ބަހަވީ ސިންދަފާތު ބިނާވަނީ ސަފާގީ ސިންދަފާތު ނުވަތަ ކަލްޗަރަލް ޑައިވަރސިޓީގެ މައްޗަށެވެ. ބަހާއި ސަގާފަތް ވަނީ ގުޅި، ލާމެހިފައެވެ. ޚުދު، ބަސް އުފެދި ތަރައްގީވަނީ ސަގާފަތާއި އާދަކާދައިގެ ތެރެއިންނެވެ.

އާދޭހެވެ! ދިވެހިބަހަކީ ދިވެހީންގެ ފަޚުރުވެރި މާދަރީ ބަހެވެ. ދިވެހިވަންތަކަމުގެ މައި އަސާސެވެ. ދިވެހި ޤައުމިއްޔަތުގެ މައި ރުކުނެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި ސުލްހަމަސަލަސްކަމުގެ އަސާސީ ބަހާ ވެސް މެއެވެ. ދިވެހިބަހަކީ، ދިވެހިރާއްޖޭގެ ގުދުރަތީ މަހައުލާ ގުޅި، ލާމެހިފައިވާ ދިވެހި ވެށީގެ ބަހެވެ. އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތުގެ މައި ބަހާއަކީ އަޅުގަނޑުމެންގެ ބަސް ނޫން ދެވަނަ އެއްޗެއް ނޫނެވެ.
ދަންނަވަންތޯއެވެ! އެކިއެކި ހާލަތުތަކިގައި އެކި ކަންކަމާ ގުޅުވައިގެން ބޭނުން ކުރާ ތަފާތު ލަފުޒުތައް ދިވެހިބަހުގައި ވެސް ހުރެއެވެ. އެކިއެކި މުނާސަބަތުތަކުގައި ސަލާންގަލާން ކުޅައުމާއި ހެޔޮ އެދުންތަކާއި ވެދުން ސަލާމުގެ ޝުޢޫރުތައް ސީދާ ދިވެހިބަހުން ފާޅުކުޅައުމުގައި ބޭނުންކުރާނޭ ދިވެހި ލަފުޒާއި އިބާރާތަކާއި ބަސްކޯޅިތައް ދިވެހިބަހުގައި އެބަހުއްޓެވެ.

ކާބޯތަކެތި ރޯފިލުވުމުގައި ދިވެހީން ބޭނުން ކުރަނީ ތަފާތު ލަފުޒުތަކެކެވެ. ގަހާއި ވެލުން ތަކެތި ވަކި ކުޅައުމުގައި އަޅުގަނޑުމެން ބޭނުން ކުރަނީ ތަފާތު ލަފުޒުތަކެކެވެ. އަންނައުނާއި ޒީނަތުގެ ގަހަނާތައްބޭނުން ކުޅައުމުގައި ވެސް ބޭނުން ކުރަނީ ތަފާތު ލަފުޒުތަކެކެވެ. މިހެންގޮސް ދިރިއުޅުމުގެ ހަމަ ކޮންމެ ކަމަކާ ގުޅުވައިގެން ވެސް އަޅުގަނޑުމެން ބޭނުން ކުރާ ޚާއްޞަ ލަފުޒުތަކެއް އެބަ ހުއްޓެވެ. ހަގީގަތުގައި މިއިން ކޮންމެ ކަމަކުން ވެސް އަޅުގަނޑުމެންނަށް ހާމަވާނީ ދިވެހިބަހުގެ މުއްސަނދިކަމާއި ރީތިކަމެވެ. އެކި ކަންކަމަށް މުނާސަބު ލަފުޒުތަކުގެ ގިނަކަމާއި ދިވެހި ވެހި ލަފުޒުގެ ބަސްކޮށާރުގެ ތަނަވަސްކަމާއި ތިޔާގިކަމެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެން ބައެއް ދިވެހީން މި ކަންކަމަށް ބީރައްޓެހިވުމެވެ.

އާދޭހެވެ! އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހަވާދެއް ނުހަދަމުއެވެ. އަޅުގަނޑުމެން ހަވާދު ދަވަނީއެވެ. ނުވަތަ ހަވާދު ހަނާކުރަނީއެވެ. އަޅުގަނޑުމެން ރޮއްޓެއް ނުއެއް ކައްކަމުއެވެ. އަދި ރޮއްޓެއް ނުއެއް ހަދަމުއެވެ. އަޅުގަނޑުމެން ރޮށި ފިހަނީއެވެ. ކޭކާއި ބޯކިބާ ފަދަ އެއްޗެހި ފިހަނީއެވެ. ނުވަތަ އަޅަނީއެވެ. ޢީދަށް ކުކުޅު ރިހަ ހަދަނީކީއެއް ނޫނެވެ. ކުކުޅު ރިހަ ކައްކަނީއެވެ. ރޫސިޔާބަތް ވެސް ކައްކަނީއެވެ. ކަސްޓަޑާއި ސާގުފަނި ފަދަ ފަނިތައް ވެސް ކައްކަނީއެވެ. ބަނބުކޭލު ހިއްޗާއި ސަންނެޓި ވެސް ހަމަ ކައްކަނީއެވެ. އެއްގޮތަކަށް ވެސް ހަދަނީކީއެއް ނޫނެވެ. ޢީދަށް މެޓާގަނޑެއް އަޅާނީއެވެ. އެހެނަސް މެޓާ ހިލާނީއެވެ. ސަޓަނިމޮޑޭނީއެވެ. ކިއްލި ނަމަ ތަޅާނީއެވެ. ހަދާނީކީއެއް ނޫނެވެ. ކޭން ކައްކާނީއެވެ. ކޭން މަތީގައި އަޅަން ބިސްގަނޑުގަނޑެއް އަޅާނީއެވެ. އެހެނަސް ފޮނިފޮޅިޔާއި ސަލަވާތްފޮޅިޔާއި ކުޅިފޮޅި ފަދަ ފޮޅިފޮޅި ހަމަ ފިހާނީއެވެ. ކޭމަށް ލާން ކުކުޅެއް ރޯސްކުރާނީއެވެ.

އީދުދުވަހުގެ މެންދުރަށް މީރު ކެއުންގަނޑެއް ހަދައިލަން ފަހަރުގައި ޖެހިދާނެއެވެ. އެހެނަސް އެ ކެއުންގަނޑަށް ބޭނުންވާ ކާބޯތަކެތީގެ ތެރޭގައި ކައްކާ ތަކެއްޗާއި ފިހާ ތަކެއްޗާއި އަޅާ ތަކެއްޗާއި ހަނާކުރާ ތަކެއްޗާއި މޮޑޭތަކެއްޗާއި ހިލާ ތަކެއްޗާއި ބޯކުރާ ތަކެއްޗާއި ހަދާ ތަކެތި ވެސް ހުންނާނެކަން ވިސްނައިވަޑައިގެން ވާހަކަފުޅު ދައްކަވާށެވެ.

މިއާ ޚިލާފަށް ކެއުންގަނޑަށް ބޭނުންވާ ހުރިހައި އެއްޗެއް ހެދުން ނުވަތަ ކެއްކުން ނުވަތަ ފިހުން ނުވަތަ ތެއްލުން ނުވަތަ މޮޑުން ރަނގަޅެއް ނުވާނެއެވެ. ރަނގަޅު ވާނީ އެ އެއްޗެއް ރޯފިލުވުމުގައި ބޭނުން ކުރާން ޖެހޭ ރަނގަޅު ވެހި ލަފުޒު ނުވަތަ މުނާސަބު ލަފުޒު ބޭނުންފުޅުކުރެއްވުމެވެ. ކެއުންގަނޑު މީރުވެފައި ރަހަތައް ރަނގަޅު ވާނީ ވެސް އޭރުންތާއެވެ!

މިކަންކަން ކުރާން ގަސްގަހުން މޭވާ "ބިންނާން" ވެސް އަޅުގަނޑުމެން ބޭނުންކުރާނީ ތަފާތު ލަފުޒުތަކެކެވެ. ކޮންމެ އެއްޗެއް "ބިންނާނީ"ކީ ނޫނެވެ. ބަނބުކެޔޮކޮޅެއް ބޯކޮށްލާން ނުވަތަ ތެއްލާން ވެއްޖެއްޔާ، ގަހުން ބަނބުކެޔޮ ކަނޑާނީއެވެ. ބޯކިރުފޮދެއް ފެލާން ވެއްޖެއްޔާ ރުއްރުކުން ކާށި އަޅާނީއެވެ. ކާށި ބިންނާނީކީ ނޫނެވެ. ކާށި ބިނުމަކީ ކާށީގެ ދެ ކިބަ ވަކިކުރަން ބޭނުން ކުރާ ލަފުޒެކެވެ. ނަމަވެސް އަނބުފަނިފޮދެއް ގިރާން ބޭނުން ނަމަ އަނބުގަހުން އަނބު ބިންނާނީއެވެ. ކާން ކައްޓަލަކޮޅެއް ކައްކައިލާން ވެއްޖެ ނަމަ ކައްޓަލަވެލުން ކައްޓަލަ ކޮންނާނީއެވެ. މި ފަދަ ކިތަންމެ ނަމެއް ކިތަންމެ ލަފުޒެއް ދިވެހި ވެށީން އަޅުގަނޑުމެންނަށް ފެންނާން އެބަ ހުއްޓެވެ. ދިވެހިބަސް އެހައި ވެސް މުއްސަންޖެވެ. އަޅުގަނޑުމެން ބަހަށް ފަގީރީއެވެ.

ޝައްކެއް ނެތެވެ. ދިވެހިބަހުގެ ރީތިކަމާއި ފުރިހަމަކަމުގެ ބޭނުން ހިފާން ތިބީ ހަމަ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެންގެ ދަރީން މާދަމާ ހިފައިގެން ދާނީ އަޅުގަނޑުމެން އެ ކުދީންނަށް މިއަދު ދިން އެއްޗެކެވެ. އެ ކުދިންގެ ކޮނޑުމަތީ މާދަމާއަށް އުފުލާނެ ބަހަކީ، އަޅުގަނޑުމެންގެ މި ސާފު ރީތި ގުދުރަތީ މާހައުލާއި ވެށީގެ ޠަބިޢަތާއި އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާ ލާމެހިފައިވާ ރީތި ފުރިހަމަ ފަށުވި ދިވެހިބަސް ކަމުގައި ހަދަމާތޯއެވެ!

Ads by Allied Insurance
  1. ވަލީދު

    ވަރަށް ރަނގަޅު ލިޔުމެއް
    ދިވެހިބަހުގެ މުއްސަނދިކަން ހާމަވާ ލިޔުމެއް