ޚަބަރު

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލައި ތިން ކޮޓަރީގެ ފްލެޓަށް ލެވޭ އުސޫލެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

އެއް ކޮޓަރީގެ ފްލެޓްތަކުގެ ވެރިންނަށް ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

އެއް ކޮޓަރީގެ ފްލެޓުތައް ދޫކޮށްލުމަށް ފަހު އެހެން ބޯހިޔާވަހިކަމުގެ ސްކީމަކަށް ކުރިމަތިލުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަން ހާމަކޮށް އެކަމަށް ރަނގަޅު ގޮތެއް ހޯއްދަވައިދެއްވާނެކަމަށް މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ އޮތީ ވިދާޅުވެފައެވެ.

މިރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު އަނެއްކާ ވެސް އެ މައުލޫ ނަންގަވައި ވިދާޅުވީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އުސޫލަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

"މިހާރު މި ހުޅުވައިލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް."ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ އުސޫލުގެ ދަށުން ކުރީ ޒަމާނެއްގައި އެއްކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި އަދި ކުރިމަތިލައި ހޮވުމުން ކުރީގެ ތަން ދޫކޮށްލުމަށް ފަހު އާ ފްލެޓަށް ވަދެވޭނެ ކަމަށެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދަން ނިންމައިފައިވާ އެންމެ ބޮޑު މަޝްރޫއަކީ ރަސްމާލެ މަޝްރޫއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ރަސްމާލޭގެ ގޮތުގައި ތަރައްގީކުރަން ފުށިދިއްގަރުފަރު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިންގުނަ ހަލުވި ވެސް ކޮށްފައެވެ.

ރައީސް ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.

އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ކުރިން ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.