ލައިފްސްޓައިލް

“ބޭބޭ ހަރު!، ބްރޯ ލައިޓު!” ދިވެހިންގެ ހިތްހެޔޮކަން ދައްކުވައިދޭ ތަފާތު ކަމެއްބާ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަގުމަތީގައި ސައިކަލު ދުއްވާފައި ދާއިރު ސައިކަލުގެ ހަރު ނުނައްޓާ ނުވަތަ ދުވާލު ވަގުތު ލައިޓު ދިއްލައިގެން ދާ މީހުން ވަރަށް ގިނައިން ފެނެއެވެ. އަދި ރޭގަނޑު ލައިޓު ނުދިއްލާ ދާމީހުން ވެސް ފެނެއެވެ. ފަހަރުގައި މީހުން މިފަދަ ކަންކަން ކުރަނީ ހަނދާން ނެތިގެންނެވެ. ރޭގަނޑު ގަޑީގައި ލައިޓު ނުދިއްލާ ދިއުމުގެ ސަބަބުން އަދި ހަރު ނުޖައްސާ ދުއްވުމުގެ ސަބަބުން އެކިވަރުގެ އެކްސިޑެންޓުތައް ވެސް ދިމާވާ ފަހަރު އާދެއެވެ.

Ads by STELCO

އެހެންނަމަވެސް މަގުމަތިން މީހަކު މިފަދަ ގޮތަކަށް ދާ މަންޒަރެއް ފެންނަނަމަ ދުއްވަމުން ދާ އެހެން މީހުން އެކަން ހަނދާން ކޮށްދެއެވެ. “ބޭބޭ ހަރު” ނުވަތަ “ބޭބޭ ލައިޓު” މި މޭރުމުން ގޮވާލައެވެ. މިފަދަ ކަންކަމަކީ ފަހަރުގައި ވެސް އަނެކާ އެންމެން ކުރިމަތީގައި “ކަޑަ” ކޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫނެވެ.

އަނެކާއަށް ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ސަލާމަތް ކޮށްދިނުމަށްޓަކައި ވެދެވޭ އެހީއެކެވެ. އެހެނަސް ބައެއް މީހުން މިފަދަ ވާހަކަތައް އަންގައިދިނުމުން ބަދަލުގައި ރައްދު ދެނީ “ކަލެއަށް ކޮންކަމެއްހޭ” މިފަދަ މޭރުމަކުންނެވެ. އާދޭހެވެ. ދަންނަވަންތޯއެވެ. ހަރު ނުނައްޓަވާ ސައިކަލު ދުއްވުމުގެ ސަބަބުން އަނެކާއަށް އަނިޔާ ލިބުމުން ދެރަވާނީ އެވާހަކަ ބުނެދޭ މީހާއަކަށް ނޫނެވެ.

މިކަމުގައި ވިސްނަންވީ ކަމަކީ ކިތަންމެ އަވަހަށް ތަނަކަށް ދާންވެފައި އޮތް ނަމަވެސް ތިމާގެ ސަލާމަތަށް ބަލަން ވާނެކަމެވެ. އެފަދަ ކަމެއްގެ ސަބަބުން ހިތާމަވެރި ޙާލަތެއް ދިމާވާނީ ބުނެފައެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން އެކި ވަރުގެ ހިތާމަވެރި ހާދިސާތައް އަޅުގަނޑުމެންގެ މި މުޖުތަމައުގައި ވެސް ހިނގާފައި އެބަ ހުއްޓެވެ.

ހަމައެއާއެކު ބައެއް މީހުންނަކީ އެމީހުން ގާތުގައި ސައިކަލުގެ ހަރު ނުނައްޓާ ހުރި ވާހަކަ ބުނުމުން އެކަމާ އުފާވާ މީހުނެވެ. އެމީހުންގެ ހެޔޮ ދުޢާ ލިބޭ މީހުނެވެ. އެއީ އެހެންމީހުން ކުރިމަތީގައި ތިމާގެ ޤަދަރު އުފުލޭ ކަމެކެވެ. އަދި އެކަމުން އެމީހަކަށްވެސް ހިތްހަމަ ޖެހުން ލިބޭނެއެވެ. ދެވަނަ ފަހަރަށް އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ހަނދާން ވާނެއެވެ.

އެހެންކަމުން އެކަކު އަނެކަކަށް އެހީތެރި ވުމުގައި އެކި ގޮތްގޮތް އޮންނަ ފަދައިން މިއީ ވެސް އޭގެ އެއްގޮތެވެ. ނަމަވެސް އެއީ މިފަދަ ކަންކަން ރަނގަޅަށް ބަލައިގަންނަ މީހުންނަށެވެ. ރަނގަޅު ކުރަންޖެހޭ ކަމެއް ބުނެދިނުމަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހަކު “ކަޑަ” ވާން ޖެހޭނެ ކަމެއް ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!