ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ޖެނުއަރީ 30ގައި
ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ)އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޕްރައިމަރީގެ ވޯޓުލުން އޮންނާނީ، ޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރު 14:30އިން ރޭގަނޑު 8:00 އާ ހަމައަށް ކަމަށެވެ.
ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓު އަންނަ ހޯމަ ދުވަހު އާންމުކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ދިނުމަށް ނިންމައިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ޝަކުވާއަށް ފަހު ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ، ޖެނުއަރީ މަހުގެ 8ވަނަ ދުވަހު ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން 24 ޑިސެމްބަރ 2025ގައި ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ހުޅުވައިލާނެ ކަމަށާއި މިކަމަށް 11 ދުވަހުގެ މުއްދަތެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެއަށް ފަހު 4 ޖަނަވަރީގައި ވޯޓުލާ މަރުކަޒު ބަދަލު ކުރި ފަރާތްތަކުގެ ލިސްޓު ޢާންމު ކުރުމުން ޝަކުވާ ހުށަހެޅުމަށް 3 ދުވަސް ދީފައި ވެއެވެ.

