ސަރުކާރު

އަންނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ހާއްސަ ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރޭ ބޭއްވި ރައްމިއްޔާތުގައި ވަނައަކަށް ދިޔަ ކުއްޖަކަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ --

ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނާއި ފިލްމުފަދަ އެއްޗެހި ނެތުމުން، އެ ކަންބޮޑުވުން ހައްލުކުރުމަށް ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MPL

ރައީސް އެކަން އިއުލާނު ކުރެއްވީ ރޭ ބޭއްވި ދިވެހި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ، އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމުގެ އަސާސީ ދެ ހުނަރު ކަމަށެވެ.

އެ ދާއިރާ ކުރިއަރުވަންދޭ ސަމާލުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިލްމީ، އަދަބީ، އަހުލާގީ އަދި ސަގާފީ އިންގިލާބީ ބަދަލެއް ގެނައުމަށް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ތާރީހު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމުކަމަށް ވިދާޅުވިއެވެ.

އަދި ކުދިންނަށް ދުނިޔޭގެ އެހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުންދާ ކަމަށާއި، ރާއްޖޭގައި ވެސް ކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެކަމަށް ހައްލެއް ގެެނައުމަށް އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބާއްވާނެކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި ބޮޑެތި އިނާމުތައް ވެސް ހުށަހަޅުއްވާނެކަން ފާހަގަކުރެއްވިއެވެ.